އިޓަލީގެ ފުރަތަމަ ޑިވިޝަން، އިޓާލިއަން ސެރެއާ އޭގައި ރޭ ޔުވެންޓަސްއިން އިންޓަ މިލާން ބަލިކުރި އިރު، ނަޕޯލީން ރަށުން ބޭރުގައި ފިއޮރެންޓީނާ ބަލިކޮށްފިއެވެ.

އިންޓައާއި ޔުވެންޓަސްއިން، ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެމެޗު ނިމުނީ 4-3 ގެ ނަތީޖާއަކުންނެވެ.

އީގޯ ޓޫޑޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޔުވެންޓަސްއިން ވަނީ މެޗުގެ 14 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު ޖަހައިދިނީ ލޮއިޑް ކެލީއެވެ. އެ ގޯލާއެކު މެޗު ހުޅުވިގެން ގޮސްފައިވާ އިރު، ހާފު ނިމުމުގެ އިތުރު ގޯލުތައް ފެނިގެން ދިޔައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ހަކާން ޗަލަނޮގްލޫގެ ގޯލުން އިންޓަ އެއްވަރުކުރި ނަމަވެސް، އޭގެ އަށް މިނެޓްފަހުން ކެނާން ޔިލްޑީޒް ޖެހި ގޯލުން ޔުވެންޓަސް އަނެއްކާވެސް ލީޑު ނެގިއެވެ.

މެޗުގެ ދެވަނަ ހާފުގައި ޗަލަނޮގްލޫ އަނެއްކާވެސް އިންޓައަށް އެއްވަރު ކޮށްދިނެވެ. އެ ގޯލާއެކު އިންޓައިން ހިތްވަރު އާކޮށް، މާކަސް ތުރާމްގެ ގޯލުން މެޗުގައި ލީޑު ނެގި ނަމަވެސް، ފަހުކޮޅުގައި ޔުވެންޓަސްއިން ނަތީޖާ އަނބުރާލިއެވެ. އެއީ ހެފްރެން ތުރާމް-އުލިއެން ޖެހި ގޯލުގެ އިތުރުން ވަސިލީޖޭ އަޑްޒިކް ޖެހި ގޯލުތަކުންނެވެ. ޔުވެންޓަސްއިން މޮޅުވި ގޯލު ޖެހި ފަހު މިނެޓުގައެވެ.

އެންމެފަހުގެ ޗެމްޕިއަން ނަޕޯލީން ރޭ ކުޅުނު މެޗުގައި ފިއޮރެންޓީނާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ކެވިން ޑި ބްރޭނާގެ ޕެނަލްޓީއަކުން ނަޕޯލީ ލީޑު ނެގި އިރު، އެޓީމަށް އަލަށް ކުޅުނު ރަސްމުސް ހޮއިލުންޑް ވަނީ 14 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްދީފައެވެ.

ހޮއިލުންޑް ނަޕޯލީއަށް ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑުން ބާކީވުމުންނެވެ. ހޮއިލުންޑް، 2023 ވަނަ އަހަރު އެޓަލާންޓާއިން ޔުނައިޓެޑާ ގުޅުނީ 64 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އޭރު ހޮއިލުންޑް ހޯދަން ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މަސައްކަތް ކޮށްފައިވާ އިރު، އޭނާ ޔުނައިޓެޑަށް ގެންދިޔައީ ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެހެން ނަމަވެސް، އޭނާގެ ފޯމު ފެނުނީ ދަށްކޮށެވެ.

ހޮއިލުންޑަށް މިދިޔަ ސީޒަނުގައި އަނިޔާގެ މައްސަލަތަކާވެސް ކުރިމަތިވެފައިވާ އިރު، އޭނާ ފޮނުވާލީ ކޯޗު ރުބެން އަމޯރިމް ބޭނުން ނެތިގެންނެވެ.

ހޮއިލުންޑްގެ އިތުރުން ރޭގެ މެޗުގައި ނަޕޯލީއަށް ގޯލު ޖަހައިދިނީ ސޭމް ބެއުކޭމާއެވެ. ފިއޮރެންޓީނާގެ ގޯލު ޖެހީ ލޫކާ ރަނިއޭރީއެވެ.