ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް މިމަހުގެ 24 ގައި ފްލެޓުތަކަށް ވަދެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިއަދު "ވަން"އަށް ވިދާޅުވީ މިހާރު ޑިޕޮސިޓް ދައްކާފައި ތިބި ފަރާތްތަކަށް އަންނަ ހަފުތާގެ ބުދަ ދުވަހު އެ ފްލެޓުތަކަށް ވަނުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.

"ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް 588 މީހަކު ދައްކާފައިވޭ. އެންމެ އަވަހަށް މި ފެށޭ ހަފުތާގެ 24 ވަނަ ދުވަހަށް، މިހާރު ޑިޕޮސިޓް ދައްކާފައި ތިބި ފަރާތްތަކަށް ފްލެޓް ތަޅުދަނޑި ހަވާލުކޮށް އެ ތަންތަނަށް ވަނުމަށް ހުޅުވާލާނެ،" ޝަކީލު ވިދާޅުވިއެވެ.

އެހާތަނަށް ފްލެޓަށް ވަނުމުގެ ކުރިން ތަނުގައި ހުރި ޔޫޓިލިޓީސް ހިދުމަތްތައް ފުރިހަމަކޮށް ހުޅުވާލުމުން ފްލެޓުގެ ވެރިފަރާތަށް ފުލެޓަށް ވަންނަން ހުޅުވާލާނެ ކަމަށާއި ފްލެޓަށް ވަންނާނެ ވަކި ދުވަހެއް ކަނޑައަޅާނީ އެ އެ ފަރާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކީ ހޭންޑް އޯވާ ޝެޑިއުލްކުރަން ޓެނެޓްއަށް (ކުއްޔަށް ހިފާ މީހާއަށް) ފަސޭހަ ދުވަހެއް، މިސާލަކަށް ސިލެކްޓުކުރީ މާދަމާގެ ގަޑިއެއް، އެރޭންޖުކުރާނެ ވަކި ގަޑިއެއް ޓެނެންޓް ގެންގޮސްފަ. ހޭންޑް އޯވާ ކުރުމުގެ ކުރިން އިންނާނެ ޕްރޮސެސްއެއް. އެއީ މީޓަރުތަކާ އެއްޗެހިން ރީޑިންގް ނަގައި، އެ ޕްރޮސެސް ކޮމްޕްލީޓުކޮށްފައި ހަމަ އެ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ. ޓެނެންޓުން މޫވް އިން ކުރަން އޮންނަނީ އެބޭފުޅުން ބޭނުންވީމަ. އެހެންވީމަ ޓެނެންޓުންގެ އަތްމަތީ އޮތީ ކޮން ދުވަހަކުންތޯ ބަދަލުވާނީ،" ޝަކީލް ވިދާޅުވިއެވެ.

21 ޖެނުއަރީ 2023- ހުޅުމާލެ ފޭސް 2، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެޕާޓުމަންޓުގެ މޮޑިއުލްއެއް --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފައިވަނީ މިއަހަރުގެ ޖުލައި 21 ވަނަ ދުވަހުގައެވެ.

މިދިޔަ ހަފުތާގައި އެފްޑީސީން ބުނެފައިވާ ގޮތުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރަތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭ 3000 އަށްވުރެ ގިނަ މީހުންނާއެކު ފުލެޓް އެއްބަސްވުން ވަނީ ހަދައިފައެވެ.

މިމަހުގެ ހަތްވަނަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި އެފްޑީސީން ބުނެފައިވަނީ އެހާތަނަށް 3088 ފަރާތަކާއެކު ފުލެޓް އެއްބަސްވުން ހެދުމަށް ތާވަލުކޮށްފައިވާ ކަމަށާއި ފުލެޓް އެއްބަސްވުމުގައި 3032 ފަރާތަކާއެެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެ ޔުނިޓުތަކުން ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ޖޫން މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވެފައިވަނީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައިވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށާއި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލުކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.