ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް 588 މީހަކު ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފައިވަނީ މިއަހަރުގެ ޖުލައި 21 ވަނަ ދުވަހުގައެވެ.

މިދިޔަ ހަފުތާގައި އެފްޑީސީން ބުނެފައިވާ ގޮތުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރަތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭ 3000 އަށްވުރެ ގިނަ މީހުންނާއެކު ފުލެޓް އެއްބަސްވުން ވަނީ ހަދައިފައެވެ.

މިމަހުގެ ހަތްވަނަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި އެފްޑީސީން ބުނެފައިވަނީ އެހާތަނަށް 3088 ފަރާތަކާއެކު ފުލެޓް އެއްބަސްވުން ހެދުމަށް ތާވަލުކޮށްފައިވާ ކަމަށާއި ފުލެޓް އެއްބަސްވުމުގައި 3032 ފަރާތަކާއެެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު "ވަން"އަށް ވިދާޅުވީ މިހާރު ޑިޕޮސިޓް ދައްކާފައި ތިބި 588 މީހުންނަށް އެ ފްލެޓުތަކަށް ވަނުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުދަ ދުވަހު ފަހިވެގެންދާނެ ކަމަށެވެ.

24 ޖުލައި 2025، 4000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަނީ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"ކީ ހޭންޑް އޯވާ ޝެޑިއުލްކުރަން ޓެނެޓްއަށް (ކުއްޔަށް ހިފާ މީހާއަށް) ފަސޭހަ ދުވަހެއް، މިސާލަކަށް ސިލެކްޓުކުރީ މާދަމާގެ ގަޑިއެއް، އެރޭންޖުކުރާނެ ވަކި ގަޑިއެއް ޓެނެންޓް ގެންގޮސްފަ. ހޭންޑް އޯވާ ކުރުމުގެ ކުރިން އިންނާނެ ޕްރޮސެސްއެއް. އެއީ މީޓަރުތަކާ އެއްޗެހިން ރީޑިންގް ނަގައި، އެ ޕްރޮސެސް ކޮމްޕްލީޓުކޮށްފައި ހަމަ އެ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ،" ޝަކީލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ޑިޕޮސިޓް ދައްކާފައި ތިބި ފަރާތްތަކަށް، އެންމެ އަވަހަށް މި ފެށޭ ހަފުތާގެ 24 ވަނަ ދުވަހަށް ފްލެޓް ތަޅުދަނޑި ހަވާލުކޮށް އެ ތަންތަނަށް ވަނުމަށް ހުޅުވާލާނެ ކަމަށެވެ.

"ޔޫޓިލިޓީސް ކަނެކްޓުކޮށްފައި ހުޅުވާލީމަ ޓެނެންޓުން މޫވް އިން ކުރަން އޮންނަނީ އެބޭފުޅުން ބޭނުންވީމަ. އެހެންވީމަ ޓެނެންޓުންގެ އަތްމަތީ އޮތީ ކޮންދުވަހަކުންތޯ ބަދަލުވާނީ ނުވާނީ،" ޝަކީލު ވިދާޅުވިއެވެ.

އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެ ޔުނިޓުތަކުން ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ޖޫން މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވެފައިވަނީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައިވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށާއި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލުކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.