3200 ދަރިވަރުންނާއެކު މިއަހަރުގެ އޭލެވެލްގެ ކިޔެވުން ފަށައިފިއެވެ.

ޕަބްލިކް މީޑިޔާއަށް ދެއްވި އިންޓާވިއުއެއްގައި މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މަތީ ތައުލީމަށް ސަރުކާރުން ފަހިކޮށްދެމުން އަންނަ ގިނަ ފުރުސަތު ތަކާއެކު، މިފަހަރު 6500 ދަރިވަރުން އޯލެވެލް ނިންމި އިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފައިވާ ކަމަށެވެ.

"2023ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމި އިރު، އޭ ލެވެލްއަށް ކިޔަވަން ބޭނުންވީ 2100 ދަރިވަރުން. ނަމަވެސް އެކަން މިހާރު ބަދަލުވެ، މިފަހަރު 6500 ދަރިވަރުން އޯލެވެލް ނިންމި އިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފައި. ދަރިވަރުންގެ އަދަދު 32 ޕަސެންޓުން 49 ޕަސެންޓަށް އިތުރުވެފައި" މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދައެކު މި އަަހަރު އިތުރު 13 ސްކޫލްގައި އޭލެވެލްއަށް ކިޔަވަން ފަށައިފައިވާ ކަމަށާއި މިހާރު ރާއްޖޭގަ އޭލެވަލްއަށް ކިޔަވަދޭ 66 އެއްހާ ސްކޫލް އެބަހުރި ކަމަށެވެ.

"ކުރިން ދެކެނީ އޭލެވެލްއަކީ އެހާ މުހިންމުކަމެއް ނޫންކަމަށް. އެކަމަކު މިހާރު ވިސްނުން ބަދަލުވެއްޖެ،" ޝަފީއު ވިދާޅުވިއެވެ.

އޭ-ލެވެލްއަށް ކިޔަވާ ސީއެޗްސީ ދަރިވަރުން --- ފޮޓޯ/ސީއެޗްއެސްސީ

ސަރުކާރުން ނިންމާފަވަނީ މި މަރުހަލާ ދެ ބަޔަަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުން ކަމަށާއި އެއީ އެކަޑެމިކް އަދި ވޮކޭޝަނަލް ތައުލީމުގެ މަރުހަލާ ކަމަށެވެ. އެކަންކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން މިފަހުން ވަނީ ވަރަށް ގިނަ ކަންކަން ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދޭން ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލު ވަނީ މި ފަހުން އިސްލާހުކޮށްފިއެވެ.

އެގޮތުން މިހާރު އޮންނަ އުސޫލުގެ ތެރެއިން އޭ ލެވެލްއަށް ވަދެވޭނެ ތިން ގޮތެއް ވަނީ ކަނޑައަޅައިފައެވެ. އެއީ، އެކަޑަމިކް ސްޓްރީމާއި ސްކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިއުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.

އެކަޑަމިކް ސްޓްރީމްތަކުން އޭލެވެލްއަށް ވަދެވޭނީ އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ ފާހާއެކު އެހެން ދެ މާއްދާ ހިމެނޭގޮތަށް ޖުމުލަ ހަތަރު މާއްދާ އިން ސީ ލިބުމެވެ. ނުވަތަ އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމްގެ އިތުރަށް ހިސާބުން ދަށްވެގެން ސީ ލިބިފައިވުމާއެކު ސްޓްރީމްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއަކުން ސީ ލިބިފައިވުން ނުވަތަ އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ އާއެކު ކޮންމެވެސް އެއް ސްޓްރީމެއްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ހޯދައި ކުރިއަށްދާން ބޭނުންވާ މަސައްކަތުގެ ދާއިރާއާ ގުޅޭ އިހުތިޔާރީ އެއް މާއްދާއަކުން ސީ ލިބިފައިވުމުންނެވެ.

އޯ ލެވެލްގައި ހިސާބު ނޫނީ އިނގިރޭސިން ދަށްވެގެން ސީ ލިބިފައިވުމާއެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ލިބިފައި ވުމާއި އޯ ލެވެލްގައި ހިސާބުން ދަށްވެގެން ސީ ލިބިފައިވުމާއެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސްގެ) މަދުވެގެން އެއް މާއްދާއިން ސީ ލިބިފައިވުމާއެކު ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ އެއް މާއްދާއިން ސީ ލިބިފައިވާ ނަމަވެސް އޭ ލެވެލްއަށް ވަދެވޭނެއެވެ. އަދި އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ) އޯ ލެވެލް ހަދާ ކުދިން އޯ ލެވެލް ނިންމައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއިން ސީ ލިބިފައިވާ ނަމަވެސް އޭ ލެވެލްއަށް ވަދެވޭނެއެވެ.

ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހުން ދަށްވެގެން "ފާސް" ލިބިފައިވާ ނަމަވެސް އަދި އޯ ލެވެލްގެ ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ލިބުން ނަމަވެސް އޭ ލެވެލްއަށް ވަދެވޭނެއެވެ.