ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ ޕެންޝަން ކުޑަކުރަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެ މަނިކުފާނަށްވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެ މަނިކުފާނުގެ ޕޯސްޓުގައި ދެން އޮތީ ޅެން ބައިތެކެވެ.
"ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން، ތިބޭ ނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސް ވާނެ."
ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، އެ މަނިކުފާނު ވަނީ ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެެވެ.
ކުރީގެ ރައީސުންގެ ތެރެއިން އެއް ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް 75،000 ރުފިޔާގެ އިނާޔަތެއް ލިބިވަޑައިގަންނަވައެވެ. އޭގެ އިތުރުން ދިރިއުޅުއްވާނެ ތަނުގެ ކުލީގެ ގޮތުގައި 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 175،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ކުރީގެ ރައީސުންގެ ތެރެއިން އިނާޔަތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށެވެ.
ކުރީގެ މެންބަރުންގެ ތެރެއިން އުމުރުން 55 އަހަރު ވެފައިވާ މެންބަރުންނަށް އިނާޔަތް ލިބޭ އިރު، އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 ޕަސަންޓު އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 ޕަސަންޓު ލިބެއެވެ. އޭގެ އިތުރުން ކުރީގެ މެންބަރުންނަށް ހެލްތު އިންޝައަރެންސް ވެސް ހަމަޖައިސައިދެއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސުންނަށް ވެސް ކުރީގެ މަޖްލިސް މެންބަރުންނަށް ވެސް އެއްވެސް މުސާރައެއް ޢިނާޔަތެއް ދޭކަށް ނުޖެހޭނެ. އެއީ ވަރަށްބޮޑު އިސްރާފެއް. އަދި ދައުލަތުގެ މާލިއްޔާއަށް ނުއުފުލޭ ވަރުގެ ބޮޑު ބުރައެއް. ވަކިން ޚާއްސަ ކޮށް ކުރީގެ މަޖްލިހުގެ މެންބަރުންނަށް ދޭ މުސާރަ އާއި ޢިނާޔަތް ތައް ދިނުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ.
ނުރަބޯ - 9 މަސް ކުރިން