"ހިޔާލާއި ފިކުރު ކަފުނަށް"ގެ ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ ފޯރަމެއް ބޭއްވުމަށް ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފިއެވެ.

މީޑިއާތައް ރެގިއުލޭޓްކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޖޭއޭ އިން ބާއްވާ އެ ފޯރަމް އާޓިފިޝަލް ބީޗުގައި ފަށާނީ މިރޭ 8:45 ގައެވެ.

އެ ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބޭނުން މީހަކު އައިސް، އެ ބިލުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކޭ ގޮތަށެވެ. އަދި އެ ބިލުގައި އާންމުންނާ ގުޅޭ މާއްދާތަކާ ގުޅޭ ސުވާލެއް އޮތް ނަމަ، އެ ސުވާލުތަކަށް އެމްޖޭއޭ އިން ޖަވާބުދިނުމަށް ހަމަޖެހިފައިވެއެވެ.

ނޫސްވެރިންނާއި އާންމުންނާއި ޒުވާނުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ބާއްވާ އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ އެ ބިލުގައި އާންމުންގެ ހިޔާލުފާޅުކުރުމަށް ހުރި ހުރަސްތައް ސާފުކޮށްފީ، އާންމުން އާންމުން ހޭލުންތެރިކުރުވުމެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގެ އެކައުންޓުތައް ބްލޮކްކުރެވޭ ގޮތަށް ބިލުގައި އޮތް މާއްދާއަށް ހޭލުންތެރިކުރުވުމެވެ.

އެމްޖޭއޭ އިން އާންމުން ހޭލުންތެރިކުރުވުމަށް މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ވެސް މީހުންނާ ބައްދަލުކޮށް ބިލާ ގުޅޭ މައުލޫމާތު ހިއްސާކުރަމުންދެއެވެ.

އެ ބިލުގެ 60 ވަނަ މާއްދާގައި ވަނީ، އެ ގާނޫނުގައި ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށެވެ. އަދި ނޫސްވެރިންނާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެމީހުންނާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށް ބިލުގައިވެއެވެ.

ސަރުކާރުން ބުނާގޮތުގައި، ސޯޝަލް މީޑިއާ އެކައުންޓުތައް ބްލޮކުކުރުން ފަދަ ކަމެއް ބިލުގައި ހިމަނައިފައެއް ނުވެއެވެ. އެ ބިލަށް ސަރުކާރުގެ ފަރާތުން 14 އިސްލާހެއް ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކުރުން ހިމެނެއެވެ.