ކެނެބިސް ޓްރެފިކްކުރި މީހަރު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 24 އަހަރަށް ޖަަލަށްލާން ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލެއް ނުކޮށްދިނެވެ.

މިއީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލ.ފޮނަދޫ، ލިޔޯ، މޫސާ ފައިރޫޒްގެ މައްޗަށް، ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެކެވެ.

އޭނާގެ މައްޗަށް މި ދައުވާކުރީ، މޫސާ ފައިރޫޒް މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު މައުލޫމާތާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މޫސާ ފައިރޫޒް ދިރިއުޅޭ ލ. ފޮނަދޫ ކުރިގަމު އަވަށުގައި ހުންނަގޭ ކޮޓަރި ބަލައި ފާސްކުރުމުގެ ތެރެއިން އެ ކޮޓަރިންނާއި އޭނާގެ ޖީބުން މަސްތުވާތަކެތި ފެނިގެންނެވެ.

މި މައްސަލަ ބެލުމަށްފަހު، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން މޫސާ ފައިރޫޒް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މަައްޗަށް ހުކުމް ކުރީ، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށްފަހު، 24 އަހަރުގެ ޖަލު އަދަބެއް ތަންފީޒުކުރުމަށެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ގާނޫނާހިލާފު ވެފައިވާ ކަމަށާއި، އެ މައްސަލައިގައި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ، ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލާ ހިލާފަށް ކަމަށްބުނެ، މޫސާ ފައިރޫޒްގެ ފަރާތުން އެ މައްސަަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ހުކުމްކުރީ، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށްފަހު، 24 އަހަރަށް ޖަލަށްލުމަށް މެޖިސްޓްރޭޓް ކޯޓުން މޫސާ ފައިރޫޒްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.