މީގެ ކުރިން 2024 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ހޭންޑް ބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ޔަޝްމުއަށް ގައުމީ ސްކޮޑުން ޖާގަ ނުދިނުމުން، އެކަމުގައި ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ.

މިއަހަރު ނޮވެމްބަރު މަހު އޮންނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަށް ދާ ހޭންޑް ބޯޅަ ޓީމު އެކުލަވާލުމަށް މިހާރު ސްކޮޑު އިއުލާނު ކޮށްފައިވާ އިރު، އެ ގޭމްސްގައި ރާއްޖެއަށް ހޭންޑް ބޯޅައިގެ ފުރުސަތު އަދި މުޅިއަކުން ޔަގީނެއް ނުވެއެވެ. އެއީ ގޭމްސްއިން ޖާގަ ދެނީ ރޭންކިންނަށް ބަލައިގެން ކަމަށްވާތީއެވެ.

އެހެން ނަމަވެސް، ފުރުސަތު ލިބިއްޖެ ހާލަތަކަށް ތައްޔާރުވުމަށް އެސޯސިއޭޝަނުން ސްކޮޑު ނަގައި، އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ) އަށް ފޮނުވަން ތައްޔާރުކޮށްފައިވާ އިރު، ޔަޝްމު އެ ސްކޮޑުގައި ނުހިމެނެއެވެ. ޔަޝްމު ސްކޮޑުގައި ނުހިމެނޭ ސީދާ ސަބަބު ރަސްމީކޮށް އަދި އެސޯސިއޭޝަނުން ހާމަކޮށްފައެއްވެސް ނުވެއެވެ.

ޔަޝްމު "ވަން ސްޕޯޓްސް"އަށް ބުނީ އޭނާ މިއަހަރު ޖޫން ހިސާބުން ފެށިގެން ކުޅުން އިތުރު ހަރުފަތަކަށް ގެންދަން، މެލޭޝިއާގެ ކްލަބެއް ކަމަށްވާ ކައިޖާން ހޭންޑްބޯލް ކްލަބާ ގުޅި، ތަމްރީނުތައް ފުރިހަމަކުރަން ފެށި ކަމަށެވެ. އެ ފުރުސަތަކީ އަމިއްލައަށް ހޯދި ފުރުސަތަކަށްވާ އިރު، މެލޭޝިއާ ކްލަބަށް ޔަޝްމު ބަދަލުވީ އެސޯސިއޭޝަނުގެ ރުހުން ހޯދައިގެންނެވެ.

"އަމިއްލަ ކުރިއެރުމަށް މެލޭޝިއާ ކްލަބަކާ ގުޅުނީ. ދެން ޓޫރިސްޓް ވިސާގައި މި ހުންނަނީ. ހުންނައިރު އެމީހުން ޓިކެޓް ދޭ މިކޮޅަށް އައިސް އަބަދުވެސް ވިސާ އާކުރަންވެސް. އަދި އެހެންކަމެއްގައި އަންނަން ޖެހުނަސް އެ ކްލަބުން ދޭނެ ހުރިހާ ހަރަދެއް. ހޭންޑްބޯލް މޯލްޑިވްސްއާ ވާހަކަ ދައްކައި، އެސޯސިއޭޝަނުގެ ހުއްދަ ނޫނީ ރިލީސްއާއެކު މިދިޔައީވެސް. އޭރުވެސް ބުނެފައި އޮންނާނީ ގައުމީ ޓީމަށް ނޫނީ، އެހެން ކަމެއްގައިވިޔަސް އަންގާލާ އިރަށް މިކޮޅަށް އަންނާނެ ކަމަށް. އެއީ އެ ކްލަބުން އެކަން ކަމަށް ހަރަދުވެސް ދޭތީ، އެސޯސިއޭޝަނަކަށް އެކަމުން އެއްވެސް ގެއްލުމެއްވެސް ނުވާނެތީއާއެކު،" ޔަޝްމު ބުންޏެވެ.

ޔަޝްމު ބުނީ އެ ކްލަބަށް ކުޅެމުން ގޮސް، މިދިޔަ ހަފުތާ ތެރޭގައި ރާއްޖެ އައީ ވިސާ އާކުރުމަށް ކަމަށާއި، އޭރު ގައުމީ ސްކޮޑެއް އެކުލަވާލަން އުޅޭކަމުގެ މައުލޫމާތެއް އެނގިފައި ނުވާ ކަމަށެވެ.

"އައީ ބުރާސްފަތި ދުވަހު، ދެން އެދުވަހު ރާއްޖެ އައިމަ މިގުޅީ، ގުޅާފަ ބުނި ގައުމީ ސްކޮޑަށް ފިޓްނަސް ޓެސްޓަކަށް އަންނާށޭ. އޭރު ދެން ބުނީ ދަތުރުކޮށްފައި އައިމަ، އެ ޓެސްޓަށް ދެވޭކަށް ނެތޭ ކުއްލިއަކަށް. އެހެންވެ އޭގައި ބައިވެރިއެއް ނުވަން. އެއީ އެކޮޅު ކުޅުނުއިރު އެޓެންޑެންސާއި ޕާފޮމަންސް ރިޕޯޓުތައްވެސް ދިޔައީ ފޮނުވަމުން. ދެން ކުއްލިއަކަށް އެހެން އެންގީމަ އުނދަގޫވާނެތާ ދާން. ރަސްމީކޮށް ކުރިން އެވާހަކަ ނުވެސް އަންގާ،" ޔަޝްމު ބުންޏެވެ.

ނިންމުން ނިންމަނީ ކޯޗުން، އެސޯސިއޭޝަން ޒާތީއެއް ނުވާނެ: މުޖުތަބާ

ޔަޝްމުއަށް ސްކޮޑުން ފުރުސަތު ނުލިބުނު މައްސަލައިގައި އެސޯސިއޭޝަނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެސޯސިއޭޝަނުން އަދި ރަސްމީކޮށް ބަހެއް ބުނެފައި ނުވި ނަމަވެސް، އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) މިއަދު "ވަން ސްޕޯޓްސް"އަށް ވިދާޅުވީ، އެސޯސިއޭޝަނަކުން އެއްވެސް ކުޅުންތެރިޔަކާ ޒާތީވެ، ފުރުސަތު ބަންދުކުރުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

"ގައުމީ ޓީމުގެ ސެލެކްޝަނާއި ކުޅުންތެރިން ނެގުން ކުރިއަށް ގެންދާނީ ކޯޗުން. އެކަން ކުރާނީ ކޯޗިން ޓީމަކުން އެ ބަލަން ޖެހޭ ކަންކަމަށް ބަލާފައި. އެނގިފައިވާ ގޮތުގައި ޔަޝްމުއަށް ފިޓްނެސް ޓެސްޓަކަށް ފުރުސަތު ދިން. އެ ފުރުސަތުވެސް ދިނުމަށްފަހު ކޯޗުން އެކަންކަން ނިންމާނީ،" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ އެސޯސިއޭޝަނުން އެއްވެސް ކުޅުންތެރިޔަކަށް ދެރަ ގޮތެއް ހަދައި، އެކަންކަން ސިއްރުކޮށްގެން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ޔަޝްމު ވެގެން ވަކި ގޮތެއް ހަދައިގެން ކެރިއަރަށް އަސަރުކުރާނެ ފަދަ ކަމެއް ކުރަން އެސޯސިއޭޝަން ބޭނުން ނުވާނެ ކަމަށެވެ.

އޭގެ އިތުރުން މުޖުތަބާ ވިދާޅުވީ ކޯޗިން ޕެނަލުން ނިންމާފައިވާ ނިންމުމަކީ ހަތަރު ކޯޗުންގެ ޕެނަލަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.