ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ހުންނަ، މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތައް ދެމުން އަންނަ ތައިސޭ ކޮށީގެ ނަން "މާލެ ސިޓީ ހޯލް"ގެ ނަމަށް ބަދަލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އިއްޔެ ކުރިއަށްގެންދިޔަ އެ ކައުންސިލުގެ 211 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މާލެ ސިޓީ ރައްޔިތުންނަށް ދެމުންދާ ހުރިހާ ހިދުމަތްތަކެއް ވެސް މިހާރު ދެމުންދާނީ މާލެ ސިޓީ ހޯލުން ކަމަށެވެ.

ކާރޫބާރު ބޮޑު މާލޭގެ އެކި އަވަށްތަކުގައި ހުރި، ނުވަ އިމާރާތެއްގައި ހިނގަމުންދިޔަ މަސައްކަތްތައް، އެއް އޮފީހަކަށް ބަދަލުކުރުމުން، ހަރަދު ކުޑަވެ، ދެވޭ ހިދުމަތް އަވަސްވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ހިންގުމަށް ވެސް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމަށް މާލެ ސިޓީގެ މޭޔާ އާދަމް އާޒިމް ކައުންސިލުގެ ޖަލްސާގައި ވަނީ ފާހަގަކުރައްވައިފައެވެ.

އެ ބަދަލާއެކު އެއްތަނަކުން ލިބެން ފަށާ ހިދުމަތްތަކުގެ ތެރޭގައި، ލޭންޑް އެންޑް ބިލްޑިން، ވައިޓަލް ރަޖިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އެޑްމިން، ކައުންސިލް ބިއުރޯ، ފައިނޭންސް، ހަބާ އަދި މާރުކޭޓު މެނޭޖްމެންޓްގެ އިތުރުން ރޯޑް މެނޭޖްމަންޓްގެ މަސައްކަތްތައް ހިމެނެއެވެ.

ކައުންސިލްގެ އާ އިމާރާތުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރު ސްޕީޑުގައި މާލެ ސިޓީ ހޯލްގެ އިރުމަތި ފަރާތުގައި ކުރަމުންނެވެ.

ކައުންސިލުން ބުނީ އެ މަސައްކަތުގެ ދަށުން މިހާރު ކޮންކްރީޓް މަސައްކަތުގެ، 60 ޕަސެންޓު ނިންމައި އެ އިމާރާތުގެ މަސައްކަތް، އަންނަ އަހަރު އެއްކޮށް ނިމޭނެ ކަމަށެވެ. އެ މަސައްކަތް ނިމުމުން މާލެ ސިޓީ ކައުންސިލަށް އަމިއްލަ ބިމެއް ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.