މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ދޫކޮށްފައިވާ ލިޔުންތައް އެޓެސްޓް ކޮށްދެވޭނީ ހަމައެކަނި އެ އޮތޯރިޓީއަށް ކަމަށް ކަނޑައަޅައި ގަވާއިދު ހަދައިފިއެވެ.

އެމްކިޔުއޭއިން އިއްޔެ ވަނީ ގެޒެޓުގައި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާ ގުޅޭ އުސޫލު" އާންމުކޮށްފައެވެ.

އެ އުސޫލުގެ މަގުސަދަކީ އެމްކިޔުއޭއިން ދޫކޮށްފައިވާ އެކިއެކި ލިޔެކިޔުންތަކުގެ ކޮޕީ އެހެނިހެން ފަރާތްތަކަށް ހުށަހެޅުމުގައި، އެ ލިޔެކިޔުންތަކުގެ ސައްހަކަން ފަސޭހަކަމާއެކު ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި ކޮޕީގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި އެ އޮތޯރިޓީން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި އެކަމާ ގުޅޭ އިޖުރާތުތައް އެކުލަވައިލުމެވެ.

އުސޫލުގައިވާ ގޮތުން އެމްކިޔޫއޭއިން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދެނީ ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީ، އެސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީ، ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީ އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީގައެވެ. އެ ހުރިހާ ލިޔުންތަކަކީ އެމްކިޔުއޭއިން ދޫކުރާ ލިޔުންތަކުގައި ހިމެނޭ ތަކެއްޗެވެ.

އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ފޯމު ހުށަހަޅާތާ ރަސްމީ ތިން ދުވަހުގެ ތެރޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދޭންވާނެ ކަމަށާއި ފޯމު ހުށަހަޅާއިރު ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، ވެލިޑޭޓްކުރުމަށް ހުށަހަޅާ ސަނަދުތަކާއި ހޯދުމަށް އެދޭ އެސެސްމެންޓް ރިޕޯޓާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމުގައި އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖަހަން އެދިފައިވާ ނަމަ، އެ ލިޔުންތައް ދޫކުރާ އިރު، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދޭން ވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

އުސޫލުގައި ބަޔާންކޮށްފައި ވަނީ އެ އުސޫލު ގެޒެޓުކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށާއި އެހެންކަމުން އިއްޔެއިން ފެށިގެން ވަނީ އުސޫލަށް އަމަލުކުރަން ފަށައިފައެވެ.

އެމްކިޔުއޭއިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައިދޭ ލިޔެކިޔުންތަކަށް ނެގުމަށް ހަމަޖެހިފައިވާ ފީގެ މިންވަރު:

  • ވެލިޑޭޓްކޮށްދޭ ސަނަދުގެ ކޮޕީ – ކޮންމެ ސަފުހާއަކަށް 10 ރުފިޔާ
  • އެސެސްމެންޓް ރިޕޯޓުގެ ކޮޕީ - ކޮންމެ ސަފުހާއަކަށް 10 ރުފިޔާ
  • އިންޓެންޑެޑް ލެޓާގެ ކޮޕީ - ކޮންމެ ސަފުހާއަކަށް 10 ރުފިޔާ
  • ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ – ކޮންމެ ސަފުހާއަކަށް 20 ރުފިޔާ