ދައުލަތުގެ އާމްދަނީން މިއަންނަ އަހަރުން ފެށިގެން ޖުޑިޝަރީއަށް ބައެއް ކަނޑައެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެންމެ މުހިންމީ މާލީ މިނިވަންކަން ޖުޑިޝަރީއަށް ލިބުން ކަމަށެވެ.

"އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތަށް ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑިޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާކޮށް އިއްޔެވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ އާމްދަނީން ވަކި ޕަސަންޓެއް ޖުޑިޝަރީއަށް ކަނޑައަޅައި، އެ ފައިސާ ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ޖުޑިޝަރީއަށް ދޫކޮށް، ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދި ކުރުމުގެ މިނިވަންކަން ވެސް ޖުޑިޝަރީއަށް ދިނުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި އެގޮތަށް ކަނޑައަޅާ ޕަސަންޓަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު އަދަދެއް ލިބިގެންދާނެ ޕަސަންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުޑިޝަރީއަށް މާލީ ބާރުވެރިކަން ދިނުމަށްޓަކައި ގާނޫނީގޮތުންނާއި ފަންނީ ގޮތުން އަދި ނިޒާމީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.