އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އިޒްރޭލުން ވަނީ ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ގަތަރުގެ ވެރިރަށް ދޯހާއަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އިޒްރޭލުން ބުނާގޮތުގައި މިހަމަލަ އަމާޒުކުރީ ދޯހާގައި ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ފަލަސްތީނުގެ ހަމާސްގެ ސީނިއަރ ލީޑަރުންތަކަކަށެވެ. މި ހަމަލައިގައި ދޯހާގެ ބޮޑު އިމާރާތެއް ވަނީ ވީރާނާ ވެފައެވެ. ގަތަރުގެ ރައްޔިތުންވެސް ހިމެނޭހެން މުޅިއެކު ހަ މީހުން ވަނީ މަރުވެފައެވެ. މަދުވެގެން ސާޅީހަކަށް މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލައިގެ މަގުސަދަކީ ހަމާސްގެ ލީޑަރުންތަކެއް ދުނިޔެއިން ވަކިކޮށްލުން ކަމަށްވިޔަސް އެކަމެއް ނުކުރެވުނެވެ. އެކަން ހަމާސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އިޒްރޭލަށް މިކަމުން ނެރެވުނު ނަތީޖާއަކީ ދުނިޔޭގެ ކުރިމަތީގައި އިތުރަށް އަގުވެއްޓި ބޭޒާރުވުމެވެ. މުޖުރިމު ދައުލަތެއްކަމުގެ ސިއްކަ ޖެހުމެވެ. އިޒްރޭލަށް އަބަދުވެސް ވާގިވެރިވާ އެމެރިކާގެ އިތުބާރުވެސް ދުނިޔޭގެ ކުރިމަތީގައި ނަގާލުމެވެ. ކޮންމެއަކަަސް މި އުދުވާނާ ގުޅިގެން އުފެދޭ ބައިވަރު ސުވާލުތަކެއް އެބަހުއްޓެވެ. ބަލައިލަމާބަހީއެވެ.

އިޒްރޭލުން ގަތަރަށް ހަމަލަދިނީ ކިހިނެއް؟

އިޒްރޭލުން ހަމަލަދީފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ މެދުތެރޭގައިވާ އިމާރާތަކަށެވެ. މިއީ އޮފީސްތަކާއި އެޕާޓްމަންޓްތަކާއި ފިހާރަތަކެެއްވެސް ހިމެނޭ ވަރަށް ބޮޑު އިމާރާތެކެވެ. މިހަމަލަ ދިނުމަށް ބޭނުންކުރީ ކޮން ވަސީލަތްތަކެއް ކަމެއް އިޒްރޭލުގެ އަސްކަރިއްޔާއަކުން ނުބުނެއެވެ. އެކަމަކު ރަސްމީ ފަރާތްތަކާ ހަވާލާދީ އިޒްރޭލުގެ މީޑިއާއިން ކޮންމެވެސް މިންވަރެއްގެ ތަފްސީލުތަކެއް ދީފައިވެއެވެ. އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މިހަމަލާގައި ބޭނުންކުރީ ހަގުރާމަމަތީ ޖެޓުތަކެކެވެ. ގާތްގަޑަކަށް އޭގެ ފަނަރަ ޖެޓް މި އޮޕަރޭޝަނުގައި ބޭނުންކުރިއެވެ. މިހުރިހާ ޖެޓުތަކުންވެސް އެއްފަހަރާ ހަމަލަދިނީ ކުރިން ދެންނެވި އިމާރާތަށެވެ. އެ އިމާރާތުގެ އެއްބައި ވަނީ ވީރާނާވެފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމަލަދިނީ އެ އިމާރާތުގައި އެއްވުމެއް ބާއްވަމުންދިޔަ ހަމާސްގެ ވެރިންތަކަކަަށް ކަމުގައެވެ. މިކަމަށް ބޭނުންކުރީ އެންމެ މިޒަމާނުގެ ހަތިޔާރު ކަމުގައެވެ.

ދޯހާއަށް ހަމަލާ ދިނުމުގައި އިޒްރޭލުން ބޭނުންކުރީ ހަގުރާމަމަތީ ޖެޓުތަކެއް ކަމަށްވާނަމަ އެ ޖެޓުތައް ގަތަރާ ހަމައަށް ފޯރާނީ އަރަބި ކޮންމެވެސް ގައުމެއްގެ ވައިގެ ސަރަހައްދު ހުރަސްކޮށްފައެވެ. ނޫނިއްޔާ މިކަމުގައި ބޭނުންކުރީ ހަމަސީދާ ގަތަރުގައި ކުރީއްސުރެ ގާއިމުކޮށްފައިވާ ފްލީޓެކެވެ. ދޯހާގެ ރަށްބޭރުގައި އެމެރިކާގެ ވައިގެ ސިފައިންގެ ބޭހެއް އެބައޮތެވެ. އެތަނުގައި އެމެރިކާގެ ޖެޓުތަކެއް އެބަހުއްޓެވެ. އެހެންވީމާ މިއީ އޭގެތެރެއިން ޖެޓުތަކެއް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިހާތަނަށް ޔަގީންކުރެވިފައިވާ ގޮތުން މިހަމަލަ ދީފައިވަނީ އެމެރިކާއަށް އެނގިގެން އެމެރިކާގެ ހުއްދަޔާއެކުގައެވެ.

ހަމަލަ އަމާޒުކުރީ ކޮން ބަޔަކަށް؟

ހަމާސްގެ މަސްދަރުތަކުން އެނގޭ ގޮތުގައި އިޒްރޭލުން ހަމަލަދިނީ ސުލްހައިގެ މަޝްވަރާތަކުގައި ޝާމިލްވާ ހަމާސްގެ ވަފުދަށެވެ. އެ ވަފުދުގެ ބޭފުޅުން ތިއްބެވީ ހަމަލަ އަމާޒުވި އިމާރާތުގައެވެ. އެބޭފުޅުންގެ ބައްދަލުވުމެއް އިމާރާތުގައި ދިޔައީ ހިނގަމުންނެވެ. އިޒްރޭލުގެ ރައީސް އިސާކް ހާޒޮގް މީސްމީޑިއާއަށް ދޫކުރި މެސެޖެއްގައި ހަމާސްގެ މަޝްވަރާ ވަފުދުގެ ވެރިޔާ ޚަލީލް އަލްހައްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވާތީ އިޒްރޭލުގެ ހަމަލައިގެ އެއް އަމާޒަކީ އަލް ހައްޔާކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތެވެ. އިޒްރޭލުގެ އޮފިޝަލަކާ ހަވާލާދީ އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި އަލްހައްޔާއަކީ އަމާޒެކެވެ. އަދި ޒާހިރު ޖަބަރީނަކީވެސް އަމާޒެކެވެ. މީގެތެރެއިން އަލްހައްޔާއަކީ ގާޒާއަށް ނިސްބަތްވެވަޑައިގަންނަވާ ލީޑަރަކެވެ. ޖަބަރީން ނިސްބަތްވަނީ ހުޅަގުއައްސޭރިއަށެވެ. މިދެންނެވި ބޭފުޅުން އަވަހާރަކޮށްލުމަށް އިޒްރޭލުން މި ހަމަލަދިނަސް އެކަން ކާމިޔާބު ނުވާކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.

ހަމާސްގެ ލީޑަރޝިޕްގެ ބޭފުޅުން ސަލާމަތުން އެބަތިއްބެވި ކަމަށް ހަމާސްއިން ބުނެއެވެ. ހަމާސްގެ ސުލްހައިގެ މަޝްވަރާ ވަފުދުގެ ބޭފުޅުން އަވަހާރަކޮށް ނުލެވުނު ކަމަށްވިޔަސް އެބޭފުޅުންގެ ރައްކާތެރިކަމަށް ގަތަރުން އެކުލަވައިލި ހަށިފާރަވެރިންގެ ތެރެއިން މީހަކު ޝަހީދުވެފައިވާކަން ގަތަރުން ވަނީ ޔަގީންކޮށްދީފައެވެ.

އެމެރިކާގެ ބައިވެރިވުމާއި ދެނެގަތުން އޮތީ ކިހާވަރަކަށް؟

މި ހަމަލަޔަކީ އިޒްރޭލުން ރާވައިގެން އިޒްރޭލުން އަމިއްލަޔަށް ހިންގި އޮޕަރޭޝަނެއް ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ. ޒިންމާ އުފުލާންޖެހޭނަމަ އެކަންވެސް ކުރާނީ އިޒްރޭލުން ކަމަށް އޭނާ ބުނެއެވެ. އެމެރިކާގެ ރިޔާސީ ކިއްލާ ވައިޓްހައުސްއިން ވަނީ މިހަމަލާގެ ކުރިން މިކަމުގެ މައުލޫމާތު އިޒްރޭލުން ދީފައިވާ ކަމަށް އެއްބަސްވެފައެވެ. ދޯހާގެ ރަށްބޭރުގައިވާ އަލްއުދައިދުގައި އެމެރިކާގެ ވައިގެ ސިފައިންގެ މަރުކަޒެއް އޮތުމާއެކު އެމެރިކާއަށް އަންގަންވެސް ޖެހެއެވެ. އެމެެރިކާއަށް ދުރާލައި އެންގުމުގެ މާނަޔަކީ ތިކަން ނުކުރާށޭ ނުވަތަ މައްސަލައެއްނެތޭ ހަމަލަދޭށޭ ބުނުމުގެ ފުރުސަތު ރައީސް ޓްރަމްޕަށް ލިބުމެވެ. އޭނާ އިޚުތިޔާރުކުރީ އިޒްރޭލަށް ފެހި ސިގުނަލް ދިނުމެވެ. މިއީ ގަތަރުގެ ސިޔާދަތަށް އަރައިގަތުމަކަށް ވެފައި މިއީ މުތުލަގު އުދުވާނަކަށްވާތީ އަލްއުދައިދުގައި އެމެރިކާ ސިފައިންނަށް ދެން ތިބެވޭނެތޯ ސުވާލު އުފެދެއެވެ.

ގަތަރާއި އެމިރޭޓްސް އާއި ސައޫދީއަރަބިޔާ އާއި ކުވޭތު އަދި ބަހުރައިން ފަދަ ގަލްފުގެ ގައުމުތަކާއި އެމެރިކާގެ ގުޅުން ދެން އޮންނާނެ ގޮތަކާމެދު ސުވާލު އުފެދެއެވެ. މިގައުމުތަކަށް ދަތުރުގޮސް އެތައް ބިލިޔަން ޑޮލަރެއްގެ ވިޔަފާރި ޓްރަމްޕު ޔަގީންކުރިތާ އަދި ގިނަ ދުވަހެއް ނުވެއެވެ. ޓްރަމްޕަށް ޚާއްސަ މަތިންދާބޯޓެއް ގަތަރުން ހަދިޔާކުރީވެސް އެދަތުރުގައެވެ. އޭގެ ދެމަސްފަހުން ހަމަ އެޓްރަމްޕު ވަނީ ގަތަރަށް ހަމަލަދިނުމުގެ ފެހި ސިގުނަލް އިޒްރޭލަށް ދީފައެވެ.

ހަމާސްގެ ޓީމު ގަތަރަށް ދިޔައީ ކީއްކުރަން؟

ހަމާސް އާއި އިޒްރޭލާ ދެމެދު ދޭތެރެ ދޭތެރެއިން ބޭއްވޭ މަޝްވަރާތަކުގެ މެދުވެރިޔަކީ ގަތަރެވެ. އެގައުމުން މިދައުރު އަދާކުރަމުންދަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. ގާޒާގެ ހަގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ދާދިފަހުން އިސްވެ ހުށައެޅި ހުށައެޅުންތަކަށް ހަމާސްއިން ވަނީ މަރުހަބާ ކިޔައިފައެވެ. ގަބޫލު ކުރެވޭގޮތުން ހަމާސްގެ ވަފުދު ގަތަރަށް ގޮސް ކުރަމުންދިޔަ ކަމަކީ އެމެރިކާގެ ކުރިން ދެންނެވި ހުށަައެޅުމަށް ރަސްމީގޮތުން ހަމާސްގެ ފަރާތުން ދޭނެ ޖަވާބަކާއި އޭގެ އަލީގައި ދެން މަޝްވަރާތައް ކުރިއަށް ގެންދާނެގޮތް ރޭވުމެވެ. އެމެރިކާގެ ހުށައެޅުމުގައި ބުނަނީ ދެމަސް ދުވަހަށް ހަމަލާތައް ހުއްޓާލުމަށާއި ހަމަލާތައް ހުއްޓާލާތާ 48 ގަޑިއިރު ތެރޭގައި އިޒްރޭލުގެ ރަހީނުންގެ ތެރެއިން މިހާރު ހަމާސްގެ ބެލުމުގެ ދަށުގައި ބާކީތިބި 48 ރަހީނުން މިނިވަންކުރުމުގެ ވާހަކައެވެ.

މިކަމުގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އެތައް ސަތޭކަ އަސީރުން މިނިވަންކުރުމާއެކު ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ ވާހަކައެވެ. އެމެރިކާގެ މި ހުށައެޅުން ބަލައިގަތުމުގެ މަޝްވަރާކުރަން އެއްވި މަންދޫބުން ދުނިޔެއިން ވަކިކޮށްލުމަށް އިޒްރޭލުން ހަމަލަދިނުމާއި އަދި އެ ހަމަލައަށް އެމެރިކާގެ ރުހޭބަސް ދިނުމުގެ މާނަޔަކީ އިޒްރޭލުވެސް އަދި އެމެރިކާވެސް ސުލްހަ ބޭނުން ނުވާކަމާއި ރަހީނުން މިނިވަންކުރަންވެސް ބޭނުން ނުވާކަމެވެ. އަދި ގަތަރުގެ މެދުވެރިކަންވެސް ގަބޫލު ނުކުރާކަމާއި ގަތަރަށް އިހުތިރާމް ކުރުމެއްވެސް ނެތްކަމެވެ.

ގަތަރާއި ދުނިޔެއިން ބުނަނީ ކީކޭ؟

އިޒްރޭލުގެ އުދުވާނުގެ ބަދަލު ހިފާނަމެކޭ ގަތަރުން ނުބުނެއެވެ. އެކަމަކު މިއީ ގަތަރުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުމެއް ކަމަށް ސިފަކޮށް އިޒްރޭލުގެ މިޒާތުގެ އަމަލުތަކަށް ކެތްކޮށްގެން ނޯންނާނެ ކަމަށް ގަތަރުން ވަނީ ބުނެފައެވެ. އިޒްރޭލުގެ މިއަމަލަކީ ގޮތްކުޑަކަމާއި ފިނޑިކަމާއި ނާތަހުޒީބު ކަމުގެ ކޮޅުނެތްކޮޅުކަން ފާހަގަކޮށް އިޒްރޭލުގެ މަގުސަދު ހާސިލްވިޔަ ނުދޭނޭ ކަމަށްވެސް ގަތަރުން ވަނީ ބުނެފައެވެ. އިޒްރޭލުގެ މަގުސަދަކީ ސަރަހައްދީ ސަލާމަތް ނަގާލުންކަމަށް ވަންޏާ އަދި ސުލްހައިގެ ދޮރު މުޅިން ބަންދުކުރުން ކަމަށް ވަންޏާ އެ މަގުސަދު ހާސިލްވިޔަ ނުދޭނޭ ކަމަށްވެސް ގަތަރުން ވަނީ ބުނެފައެވެ. އިޒްރޭލުން ގަތަރަށް ދިން ހަމަލަ އިސްލާމީ ދުނިޔޭގެ ކުދިބޮޑު އެންމެހައި ގައުމުތަކުން ވަނީ ކުށްވެރި ކޮށްފައެވެ. އީރާނުވެސް ހިމެނޭގޮތުންނެވެ. އިޒްރޭލުގެ މިތުރުންކަމަށްވާ އެމެރިކާއާއި ޖަރުމަންވިލާތް ފިޔަވައި ދުނިޔޭގެ އެހެން ހުރިހައި ގައުމަކުންވެސް ވަނީ ކޮންމެވެސް އެއްސިފައެއްގައި އިޒްރޭލުގެ އުދުވާން ކުށްވެރިކޮަށްފައެވެ.