ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅުންގެ އިނާޔަތް ކުޑަކުރަން ގާނޫނުތައް އިސްލާހުކުރުމަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެކަން އިއުލާންކުރައްވާފައި މިވަނީ، ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލަމުންދަނިކޮށެވެ.

ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

‏އޭގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން ކަމަށާއި އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސުންގެ ތެރެއިން އެއް ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް 75،000 ރުފިޔާގެ އިނާޔަތެއް ލިބިވަޑައިގަންނަވައެވެ. އޭގެ އިތުރުން ދިރިއުޅުއްވާނެ ތަނުގެ ކުލީގެ ގޮތުގައި 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 175،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ކުރީގެ ރައީސުންގެ ތެރެއިން އިނާޔަތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށެވެ.

ކުރީގެ މެންބަރުންގެ ތެރެއިން އުމުރުން 55 އަހަރު ވެފައިވާ މެންބަރުންނަށް އިނާޔަތް ލިބޭ އިރު، އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 ޕަސަންޓު އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 ޕަސަންޓު ލިބެއެވެ. އޭގެ އިތުރުން ކުރީގެ މެންބަރުންނަށް ހެލްތު އިންޝައަރެންސް ވެސް ހަމަޖައިސައިދެއެވެ.