ބާޒާރުގައި އޮރެންޖުގެ އަގު މައްޗަށް އުފުލުމާ ގުޅިގެން އެސްޓީއޯއިން އޮރެންޖު އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން އޮރެންޖުގެ އަގު ހެޔޮކޮށް ވިއްކަން ފަށާފައި މިވަނީ، މޭވާގެ ބައެއް ބާވަތްތަކުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވަނިކޮށެވެ.

އެސްޓީއޯއިން މިއަދު ބުނީ އޮރެންޖު ކިލޯއެއް 35 ރުފިޔާއަށް ލިބޭނެ ކަމަށާއި ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބެން ހުންނާނެ ކަމަށެވެ.

މިދިޔަ މަހު މޭވާގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ، މިދިޔަ މަހު މޭވާގެ އަގުތައް ވަނީ ދިހަ ޕަސަންޓަށް މައްޗަށް ގޮސްފައެވެ.

ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާ ނަމަ، އެސްޓީއޯއިން އާންމުކޮށް އެތަކެތި އެތެރެކޮށް އަގު ކޮންޓްރޯލުކުރުމަށް ވިއްކަމުންދެއެވެ. އެގޮތުން ދާދި ފަހުން ފިޔާގެ އަގު މައްޗަށް ދިއުމުން ވެސް، އެސްޓީއޯއިން ވަނީ ފިޔާ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށައިފައެވެ.