އިސްރާއީލުން ދޯހާ އަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް އިއްޔެ ދިން ހަމަލާގައި އެ ސިޓީން ގޮވުންތަކުގެ އަޑުފައްގަނޑު އިވިފައިވާއިރު އެ ހަމަލާ އަރާފައިވަނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރުން ދިރިއުޅެމުންދިޔަ އިމާރާތަކަށެވެ.

ހަމަލާ ދިނުމާއެކު އެ އިމާރާތަށް ބޮޑެތި ގެއްލުންތައް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ހަމާސް އިން ވަނީ އެ ހަމަލާއާ ގުޅިގެން ހާއްސަ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވާ ގޮތުން އެ ގުރޫޕުގެ އިސް ލީޑަރުން ވަނީ ސަލާމަތްވެފައެވެ. ނަމަވެސް ހަ މީހަކު މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

ހަމާސް އިން އާންމުކޮށްފައިވާ މައުލޫމާތުގައި ވާ ގޮތުން އެ ހަމަލާގައި މަރުވީ މީހުންގެ ތެރޭގައި ގާޒާގެ ޗީފްގެ ދަރިފުޅު ވެސް ހިމެނެއެވެ. އެ ހަމަލާގައި ގަތަރުގެ ބަޔަކުވެސް މަރުވެފައިވާކަމަށް ހަމާސްއިން ބުނެއެވެ.

ހަމާސް އިން ވަނީ އިސްރާއީލުގެ އެ އަމަލުގެ ސަބަބުން އިސްރާއީލުން ހިންގާ ލާއިންސާނީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު މަންޒަރު އިތުރަށް ސާފުވެގެން ދާކަމަށް ބުނެފައެވެ.

އިސްރާއީލުން ދޯހާއަށް ހަމަލާ ދީފައިވާއިރު އެ ހަމަލާގެ މައުލޫމާތު އެމެރިކާއަށް ކުރީން ހިއްސާ ކޮށްފައިވާކަމަށް އެ ގައުމުން ބުނެއެވެ. އަދި އެމެރިކާގެ އޮފިޝަލުން ވެސް ވަނީ އެ މައުލޫމާތު ކުރީން ލިބިފައިވާކަމަށް ބުނެފައެވެ.

ގަތަރުން ވަނީ އެ ހަމަލާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން އެންމެ މަތީ ފަންތީގެ ތަހުގީގެއް ފަށާފައިވާކަމަށް ފާހަގަކޮށްފައެވެ.