ދިވެހީން ނޭޕާލަށް ދަތުރު ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގެ މަޝްރަހު އާންމު ހާލަތަށް އަނބުރާ ރުޖޫއަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް އެ ގައުމަށް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިނިސްޓްރީން ބުނީ، މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އަދި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ހަނދާންކޮށްދޭ ކަމަށެވެ.

"ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރުކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކުރަމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، ނޭޕާލުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ހާއްސަ ހާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނާއި މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން ބުނީ ނޭޕާލުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުން ނަމަ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް މިނިސްޓްރީން އެދެއެވެ.

ގުޅޭނެ ނަންބަރު: 919910040786‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬+

މީގެ އިތުރުން ފޮރިން މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅައިގެންވެސް އެހީތެރިކަން ހޯދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.