ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ދިރާސާ ކުރުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީން މިއަދު ސިއްރު ކޮށްފިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އޮތީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމަނައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ދިރާސާ ކުރުމެވެ.
ނަމަވެސް ދެވަނައަށް އޮތީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ދިރާސާކުރުން ކުރިއަށް ގެންދިއުމެވެ.
ކޮމިޓީ ބައްދަލުވުމުގެ ފުރަތަމަ ބައި ނިމި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ގެ މަސައްކަތް ފެށި ހިސާބުން ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމެވެ.
އޭނާ ވިދާޅުވީ، ވަރަށް ގިނަ އަދަދަކަށް ބިލަށް އާއްމުންގެ ކޮމެންޓް ލިބިފައިވާ ކަމަށެވެ. އެގޮތުން ބިލުގެ ކޮންމެ މާއްދާ އަކަށް ދިހަބާރަ ކޮމެންޓް ފޮނުވާފައިވާ އިރު، އެ ކޮމެންޓާއި ކޮމެންޓް ފޮނުވި ފަރާތާ އަޅައި ބަލައި ދިރާސާ ކުރާއިރު، ކޮމެންޓް ފޮނުވި ފަރާތްތަކުގެ ޕާސަނަލް އިންފޮމޭޝަން ކޮމެންޓްތަކުގައި ހުރުމުން މިވަގުތައް އެންމެ މަސްލަހަތު ގޮތަކީ ކޮމިޓީ ސިއްރު ކުރުން ކަމަށެވެ.
އެ ސަބަބަށްޓަކައި ކޮމިޓީ ސިއްރުކުރަން ނަސީމު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ކަމަށެވެ. އޭނާ ވިދާޅުވީ ބިލަށް ކޮމެންޓް ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު މި މަރުހަލާގައި އާއްމު ވުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އެހެންކަމުން ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ފާސްކުރިއެވެ.
މީޑިއާ ބިލަކީ އަމިއްލަ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
އެ ބިލު އަނބުރާ ގެންދިއުމަށް މީޑިއާތަކާއި މީޑިއާއާ ގުޅުންހުރި ފަރާތްތަކުން ގޮވާލުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރުންނާއި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ބިލު ދިފާއުކޮށް ވާހަކަދައްކަވައިފައެވެ.
މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފައެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެއެވެ.
މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވުން
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
އިބްރާހިމް ޒަކީ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި