ބ. ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދެން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ވެވަޑައިގަންނަވާ ވައުދުތަކަކީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށެވެ. ރަށެއްގެ ރައްޔިތުން ބޭނުންނުވާކަމެއް ކޮށްދިނުމަށް ވައުދުނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އެދޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިގޮތުން ބ. ދޮންފަންނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މީހާރު ބޭނުންނުވާކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެންކަމުން، އެ ރަށުގައި ބިން ހިއްކަން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން" ރައީސް ވިދާޅުވިއެވެ.

ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް ސޮއިކޮށްފައެވެ.

ނަމަވެސް ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތް ކުރާ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއަންސް މޯލްޑިވްސްއިންވަނީ ދޮންފަނުގެ ފަޅު ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް ހުޅުވާލައިފައެވެ.

އެ ޕެޓިޝަންގައި ބުނީ ދޮންފަނު ފަޅުން ހިއްކައިފިނަމަ ހަނިފަރުބޭ ނުރައްކަލަށް ހުށަހެޅި އެ ސަރަހައްދުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. ހަނިފަރަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލުވެފައިވާ މަންޒިލަކަށްވުމުން އެތަނުގެ ދިރުންތަކަށް ގެއްލުންވެއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު އިގުތިސޯދަށް ކުރާނެކަމަށް ޕެޓިޝަންގައި ބުންޏެވެ.

ދޮންފަނު ބިން ހިއްކަން ފެށުމުން، އެ ސަރަހައްދުގެ އޮއި ދައުރުވާ ގޮތަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ހަނިފަރުބޭގައި އުޅޭ ދިރުންތަކުގެ ކާނާގެ ނިޒާމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ މުރަކަތައް މަރުވުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ޕެޓިޝަންގައި ބުންޏެވެ.

ކަނޑުގެ ދިރުންތަކަށް އަސަރު ކުރުމުގެ އިތުރުން އެ ސަރަހައްދުން އިގުތިސޯދީ ނަފާ ހޯދަމުންދާ ވިޔަފާރިތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަމަށް ޕެޓިޝަންގައި ބުންޏެވެ. އެހެންވެ ޕެޓިޝަންގައި ގޮވާލާފައިވަނީ ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއުއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށެވެ. އަދި އެންވަޔަރަމެންޓް އިމްޕެކްޓު އެސެސްމެންޓް (އީއައިއޭ) ރިޕޯޓެއް ނުހަދައި، ދޮންފަނު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށެވެ.

އެ ޕެޓިޝަންގައި މިހާތަނަށް ވަނީ 3000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައެވެ.

ދޮންފަނާ ޖެހިގެން އޮންނަނީ ޓޫރިސްޓުންގެ މެދުގައި މަންޒިލެއް ކަމުގައިވާ ހަނިފަރުބޭއެވެ. މިއ ގިނަ އަދަދެއްގެ މަންތާތައް ފެންނަ ސަރަހައްދެކެވެ. ޓޫރިސްޓުންގެ މެދުގައި އެ މަންޒިލް މަޝްހޫރުވެފައިވަނީ އެހެންވެގެންނެވެ. މީގެ 12 އަހަރު ކުރިން 2013 ގައި އުފެއްދި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ހަނިފަރު ސަރަހައްދަށް ފީނަން ދާ ޓޫރިސްޓުންގެ އަތުން 10-20 ޑޮލަރުގެ ފީއެއް ނަގައެވެ. އެ ތަނަށް ފީނާ ދިވެހިންގެ އަތުން ނަގަނީ ދެ ޑޮލަރެވެ.