އަތޮޅު ކައުންސިލުތައް އުވާލިޔަސް، އަތޮޅުތަކުގެ އިދާރީ ކަންކަން ކުރެވޭނެ ގޮތަށް ނިޒާމު ހަމަޖެހިގެންދާނެ ކަމަށާއި އެގޮތުން އިދާރީ މަސައްކަތްކުރުމަށް ސިވިލް ސާވިސްގެ ތެރެއިން ކޮންމެ އަތޮޅަކަށް މީހުން އައްޔަންކުރުން ރަނގަޅު ކަމަށް ގަބޫލުކުރެވޭ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އަތޮޅު ކައުންސިލުތައް އުވާލައި، ރަށު ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީއަށްފަހު، ދެން ފަށާ ދައުރަށް އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ދެއްކެވި ވާހަކަފުޅު އޮޅޭގޮތަށް ބައެއް މީހުން ވާހަކަދައްކަމުންދާ ކަމަށާއި ރައީސް ވިދާޅުވެފައިވަނީ މިހާރު އެ އޮތް ކޮމްޕޮޒިޝަން، އެ އޮތް ގޮތަށް އަތޮޅު ކައުންސިލުތައް ނޯންނާނެ ވާހަކަ ކަމަށެވެ. އަދި އަތޮޅުގެ އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކޮންމެވެސް އެހެން ސިފައެއްގައި ތަރުތީބުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ ކޮންމެ އަތޮޅެއްގައި ވެސް، އަތޮޅު ކައުންސިލު އިދާރާ ނެތް ކަމުގައިވިޔަސް ވެސް، އަތޮޅުގެ އެހެން ރަށްރަށަށް ދޭންޖެހޭ ހިދުމަތްތައް ދިނުމާއި، އަދި ހަމައެއާއެކީގައި އަތޮޅުގެ ހުރިހާ އެންމެން އެކުވެގެން ކުރަންޖެހޭ ކަންތައްތަކުގައި އެކަންކަން ވިލަރެސްކޮށް ހިންގާނެ ފަރާތްތަކެއް ވަކި ނިޒާމެއްގެ ތެރެއިން އުފެދޭނެ ކަމަށް ގަބޫލުކުރެވެނީ. އެހެންނަމަވެސް އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ އެކަން ވެސް ތަރުތީބުވެގެން ދާނީ ސިވިލް ސާވިސްގެ ތެރެއިން އައްޔަންކުރެވޭ، ސިވިލް ސާވިސްގެ ތެރެއިން ކަނޑައެޅޭ ބޭފުޅުންގެ ގޮތުގައި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުގައި ޕާމަނަންޓް ސެކްރެޓަރީން ތިއްބަވާ ގޮތަށް، ޕާމަނަންޓް ސްކްރެޓަރީ ނުވަތަ ސީއީއޯ އިންގެ ލެވެލްގައި ސިވިލް ސާވިސްގެ ތެރެއިން އަތޮޅުތަކަށް މީހުން އައްޔަންކުރުމުން، އެ އަތޮޅެއްގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެއްވެސް ދައްޗެއް ނެތި ކުރިއަށްދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުން މިގޮތަށް އަތޮޅުތަކަށް އައްޔަންކުރެވޭ ސީއީއޯ އިން ފެންވަރުގެ ބޭފުޅުން ވާންވީ ސިވިލް ސާވިސްގެ ތެރެއިން އެބޭފުޅުން ފަސް އަހަރުގެ ޓާމްއަކަށްވުރެ އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ އެބޭފުޅުންގެ ޕާފޯމަންސް ނުވަތަ ނަތީޖާއަށް ބަލައިގެން ފަސް އަހަރަށްވުރެ ގިނަ ދުވަހު ވެސް ތިބެވޭނެ ގޮތަށް އައްޔަންކުރެވޭ މަގާމުތަކަށް ހެދުން ވެސް މުހިންމު ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ދިގު މުއްދަތަކަށް އެ މަގާމުތަކުގައި ދެމިތިބެވޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސިއްޖެ ނަމަ، ރަނގަޅު ނަތީޖާއެއް ނެރުމަށްޓަކައި އެކަށީގެންވާ މުއްދަތެއްގައި ހިދުމަތްކުރާނެ އަދި ގާބިލު މީހުން އެ ވަޒީފާތަކަށް ޝައުގުވެރިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށެވެ.