ފްރާންސްގެ ބޮޑުވަޒީރު ފްރެންސުއާ ބެއިރޫގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން އެގޮތަށް ނިންމާފައިވަނީ، އެ ގައުމުގެ ދަރަނީގެ މައްސަލައަށް ހައްލެއް ގެނައުމަށް 44 ބިލިއަން ޔޫރޯ (52 ބިލިއަން ޑޮލަރު) ސަލާމަތްކުރުމަށް ހަރަދުތައް ކުޑަކުރުމަށް ބެއިރޫގެ ސަރުކާރުން ހުށަހެޅުމުންނެވެ.
މަޖިލީހުގެ އެ ނިންމުމާ ގުޅިގެން ނުވަ މަސް ދުވަހު ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވުމަށްފަހު، މާދަމާ ބެއިރޫ އިސްތިއުފާ ހުށަހަޅުއްވާނެއެވެ. އެއާއެކު ފްރާންސްގެ މިހާރުގެ ސަރުކާރަށް ވެސް ނިމުން އަންނާނެއެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ އޮފީހުން ބުނެފައިވާ ގޮތުގައި، ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އާ ބޮޑުވަޒީރަކު އައްޔަންކުރައްވާނެއެވެ.
އުމުރުފުޅުން 74 އަހަރުގެ ބެއިރޫ އަކީ، 2017 ވަނަ އަހަރު މެކްރޮން ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ފްރާންސްގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރެއްވި ހަ ވަނަ ބޭފުޅާއެއެވެ.
މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން ވާހަކަފުޅުދައްކަވަމުން ބެއިރޫ ވިދާޅުވީ ސަރުކާރު ވައްޓާލުމުގެ ބާރު އޮތް ނަމަވެސް، ދަރަނީގެ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށެވެ.
ބެއިރޫގެ އިތުބާރު ނެތްކަމުގެ ވޯޓުގައި އޭނާ މަގާމު ދުރުކުރުމަށް 364 މެންބަރަކު ވޯޓުދެއްވިއެވެ. ބެއިރޫއާ އެއްކޮޅަށް ވޯޓުދެއްވީ 194 މެންބަރެކެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް