ނޭޕާލްގައި އެގައުމުގެ ޒުވާނުން ކުރިއަށް ގެންދާ ޖެންޒީ މުޒާހަރާގައި 19 މީހުން މަރުވެއްޖެއެވެ.

ނޭޕާލްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭން ކުރިމައްސަލައިގައި އެގައުމުގެ ޒުވާނުން، ހާއްސަކޮށް ޖެންޒީ އުމުރުފުރާގެ ކުދިން މަގުތަކަށް ނުކުމެ ކުރަމުން އަންނަ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ނުކުތުމުން ވަނީ ހޫނުވެ ހަމަނުޖެހުން ހިނގަން ފަށައިފައެވެ.

އެގޮތުން މިހާތަނަށް 19 މީހުން މަރުވެފައިވާ އިރު އެމުޒާހަރާތަކުގައި އަނިޔާވެގެން ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެތައް ހާސް މުޒާހަރާގެ ބައިވެރިން ވަނީ ވެރިރަށް ކަތަމަންޑޫގައި ހުންނަ ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް އެއްވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފަށައިފައެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންގެ އިތުރުން އެގައުމުގެ ސިފައިންވެސް ވަނީ މަގުތަކަށް ނެރެފައެވެ.

ނޭޕާލް ސަރުކާރުން އެގައުމުގައި ފޭސްބުކް އާއި އެކްސް އަދި ޔޫޓިއުބް ހިމެނޭހެން 23 އަށްވުރެ ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ބޭން ކޮށްފައެވެ.

ސޯޝަލް މީޑިއާގެ މައްސަލަ ނޭޕާލްގައި ފެންމަތިވެފައިވަނީ އެ ޕްލެޓްފޯމުތައް ބޭނުންކޮށްގެން ހިންގަމުން ގެންދާ ގާނޫނާ ހިލާފު އަމަލުތަކާއި ކުށްތަކުގެ ސަބަބުން އެގައުމުގައި އޮޕަރޭޓުކުރާ ހުރިހާ ސޯޝަލް މީޑިއާއަކުން ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކުރަން މަޖުބޫރު ކުރުމުންނެވެ. ނޭޕާލު ސަރުކާރުން ދިން މުހުލަތަށް ރަޖިސްޓާ ނުކުރާ ހުރިހާ ޕްލެޓްފޯމުތައް އެގައުމުން ވަނީ ބޭން ކޮށްފައެވެ.