ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ވަކިކުރި ހުސައިން ފަހުމީ، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އައްޔަންކޮށްފިއެވެ.
ސްޓެލްކޯގައި 27 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ފަހުމީ، މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާ އިއްޔެ އެ މަގާމުން ވަކިކުރުމަށްފަހު، އެ މަގާމަށް އައްޔަންކޮށްފައިވަނީ މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ފަހުމީ އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ މިއަދުއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާގޮތުގައި، އެ އޮފީހުގައި މިނިސްޓަރުންގެ ފެންވަރުގައި 11 ބޭފުޅުން މަސައްކަތްކުރައްވައެވެ.
ފަހުމީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 27 އަހަރު މަސައްކަތްކުރެއްވި ސްޓެލްކޯ ލީޑް ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރުސަތަށް ޝުކުރުވެރިވާ ކަމަށާއި ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން ހާސިލުކުރެވުނު ހުރިހާ ކަމަކާ މެދު ފަހުރުވެރިވެ، ކުރިއަށް އޮތްތާނގައި ސްޓެލްކޯއަށް ކުރިއެރުމާއި ކާމިޔާބީއާއި ފާގަތިކަމަށް އެދެން،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ސްޓެލްކޯއިން ވަކިކޮށްފައިވަނީ އޭނާ ވަކިކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. ނަމަވެސް ފަހުމީ ވަކިކުރި ވަކި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު