ރޭ ކުޅުނު ޔޫއެސް އޯޕަން ފައިނަލުގައި އިޓަލީގެ ޖަނިކް ސިނާ ބަލިކޮށް، ސްޕެއިނުގެ ކާލޯސް އަލްކަރާޒް ދުނިޔޭގެ ފިރިހެން ޓެނިސް ރޭންކިންގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ރޭގެ ފައިނަލުގައި ކުރިންވެސް މި ސީޒަނުގެ ގްރޭންޑް ސްލޭމް ދެ ފައިނަލެއްގައި ސިނާއާއި އަލްކަރާޒް ވަނީ ކުރިމަތިލައިފައެވެ. ދެ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑުކޮށް ފެނިގެންދާ އިރު، ރޭގެ ކުރިން ފްރެންޗް އޯޕަން ކާމިޔާބުކުރީ އަލްކަރާޒެވެ. އަދި އޭގެ ބަދަލުހިފައި، ވިމްބަލްޑަން ކާމިޔާބުކުރީ ސިނާއެވެ.

އަލްކަރާޒް، 22، މިހާތަނަށް ކެރިއަރުގައި ހަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ އިރު، ރޭގެ މެޗުގެ ފުރަތަމަ ސެޓު އޭނާ ގެންދިޔައީ 6-2 ގެ ސްކޯއަކުންނެވެ. ސިނާ ދެވަނަ ސެޓު، 6-3 އިން ގެންދިޔަ ނަމަވެސް، ދެން ކުޅުނު ދެ ސެޓު އަލްކަރާޒް ވަނީ 6-1 އަދި 6-4 އިންނެވެ.

އަލްކަރާޒަކީ ޓެނިހުގެ މި އެރާގައި އުމުރުން 22 އަހަރުގައި ހަ ގްރޭންޑް ސްލޭމް ހަމަކުރި ދެވަނަ ކުޅުންތެރިޔާއެވެ. އޭނާގެ އިތުރުން ދެ އެ ޝަރަފު ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ޖޯން ބޯގެވެ.

ރޭގެ ބައްޔަކީ ހާޑްކޯޓުގައި އެންމެފަހުން ކުޅުނު 28 މެޗުގައި ސިނާއަށް ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. ސިނާގެ ވަރުގަދަ ރެކޯޑަށް އަލްކަރާޒް ނިމުން ގެނެސްފައިވާ އިރު، މި ސީޒަނުގައި އަލްކަރާޒް ވަނީ ހަތް ތަށި ހޯދައިފައެވެ. މިއީ އޭނާ ޔޫއެސް އޯޕަން ހޯދި ދެވަނަ ފަހަރެވެ.

މީގެ ކުރިން އަލްކަރާޒް ޔޫއެސް އޯޕަން ހޯދީ 2022 ވަނަ އަހަރުއެވެ. އެފަހަރުވެސް ދުނިޔޭގެ އެއްވަނައަށް އަރާފައިވާ އިރު، މިއީ އެއަހަރު ފަހުން އަލްކަރާޒް ދުނިޔޭގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރުވެސް މެއެވެ.