އަންނަ ޑިސެމްބަރު މަހުގައި ލިބޭ ސްކޫލު ޗުއްޓީއާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް މެލޭޝިއާގެ ކުއާލަ ލަމްޕޫރާއި ތައިލެންޑްގެ ބެންކޮކަށް ބާއްވަން ހަމަޖައްސައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ކުއާލަ ލަމްޕޫރާއި ބެންކޮކްއަކީ ދިވެހި ދަތުރުވެރިންގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މަންޒިލުތަކެއް ކަމަށާއި ސްކޫލު ޗުއްޓީ މޫސުމުގައި ކޮންމެ މަންޒިލަކަށް ޖުމުލަ ހަތަރު ފްލައިޓް އޮޕަރޭޓް ކުރާނެ ކަމަށެވެ.

ކުއާލަ ލަމްޕޫރު (އެމްއެލްއީ-ކުލް-އެމްއެލްއީ) އަށް 355 ޑޮލަރު އަދި ބެންކޮކް (އެމްއެލްއީ-ބީކޭކޭ-އެމްއެލްއީ) އަށް 399 ޑޮލަރަށް ދެކޮޅު ޓިކެޓު ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ބުނީ ކުއާލަ ލަމްޕޫރަށް އަންނަ ޑިސެމްބަރު 21 އިން ޖެނުއަރީ 11 އަށް ކޮންމެ އާދީއްތަ ދުވަހަކު ދަތުރުތައް ކުރާ އިރު، ބެންކޮކަށް ކުރާ ދަތުރުތައް އޮންނާނީ ޑިސެމްބަރު 23 އިން ޖެނުއަރީ 13 ގެ ނިޔަލަށް ކަމަށެވެ. އެ ފެއާގައި ދަތުރުކުރާ ފަރާތްތަކަށް 25 ކިލޯގެ ބެގޭޖް އެލަވަންސެއް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ބުނީ، އެ ދަތުރުތަކަށް މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓާއި މޯލްޑިވިއަން މޮބައިލް އެޕް މެދުވެރިކޮށް އަދި އޮތޮރައިޒްޑް ޕެސެންޖާ ސޭލްސް އެޖެންޓްސް (ޕީއެސްއޭ) މެދުވެރިކޮށްގެންނާއި [email protected] އަށް އީމެއިލްކޮށްގެން ނުވަތަ 24 ގަޑިއިރު ކޯލް ސެންޓަރު 1671 އަށް ގުޅައިގެން ފަސޭހަކަމާއެކު ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަންގެ އުންމީދަކީ، ސްކޫލު ޗުއްޓީގައި ދަތުރުވެރިންނަށް ފަސޭހަ އަދި އުފާވެރި ދަތުރުގެ ތަޖުރިބާއެއް ލިބުން ކަމަށް އެ އެއާލައިނުން ބުންޏެވެ.