ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް ތި ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރައްވާފައި ވަނީ މުހައްމަދު ނާސިހު، ޑރ. ހުސައިން ފާއިޒް އަދި ޑރ. ދީބާ މޫސާއެވެ. އެތިން ބޭފުޅުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، އެ ތިން ބޭފުޅުން ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

ރައްޔިތުންގެ މަޖިލީހުން އެ ތިން ބޭފުޅުންނަށް ރުހުން ދީފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައެވެ.