އެމެރިކާ މަނަވަރުތައް މަތިން ޖެޓު ދަތުރުކުރާނަމަ ބަޑިޖަހާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ އެގައުމުން ދެކުނު އެމެރިކާ ސަރަހައްދުގައި ހަރަކާތްތެރިވާ މަނަވަރުތަކުގެ މަތިން ވެނެޒުއޭލާއަށް ނިސްބަތްވާ މިލިޓަރީ ޖެޓުތަކެއް ދެފަހަރެއްގެ މަތިން ދަތުރުކުރުމާ ގުޅިގެންނެވެ.

ސީބީއެސް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މަނަވަރުތަކަށް ނުރައްކާވާން ނޭދޭ ކަމަށާއި ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމެރިކާގެ މަނަވަރުތައް ދެކުނު އެމެރިކާ ސަރަހައްދުގައި ހަރަކާތްތެރިވަނީ ވެނެޒުއެލާއިން އެމެރިކާއަށް އެތެރެވާ ޑްރަގް ހުއްޓުވުމަށް ފަށާާފައިވާ އޮޕަތޭޝަނެއްގެ ދަށުން ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

އެ އޮޕަރޭޝަންގައި އެމެރިކާގެ މަނަވަރަކުން ވެނެޒުއެލާއިން ޑްރަގް ބަރުކޮށްގެން އެމެރިކާއަށް ދަތުރު ކުރި އުޅަނދަކަށް ހަމަލާދީ އޭގެން ދަތުރުކުރި 11 މީހުން ވަނީ މަރާލައިފައެވެ. އެމެރިކާއިން ވަނީ އެ އުޅަނދު އޮޕަރޭޓު ކޮށްފައިވަނީ ވެނެޒުއޭލާގެ ގޭންގަކުން ކަމަށް ބުނެފައެވެ.

ވެނެޒުއޭލާގެ އޮފިޝަލުން ވަނީ އެމެރިކާއިން އެސަރަހައްދުގައި ކުރަމުން އަންނަ ކަންކަމުގެ ސަބަބުން އެސަރަހައްދު މިލިޓަރީ ހަމަނުޖެހުމަކަށް ގޮސްދާނެ ކަމަށެވެ.