އެފްރިކާ ބައްރުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމުގެ ޝަރަފު މޮރޮކޯއިން ހޯދައިފިއެވެ.

ރޭ މޮރޮކޯއިން ކުޅުނު ކޮލިފިކޭޝަން މެޗުގައި ނީޖެއާ ކައިރިން މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ވޯލްޑް ކަޕަށް ކޮލިފައިވުމަށް ބޭނުންވެފައި އޮތީ އެންމެ ތިން ޕޮއިންޓެވެ. އެ ތިން ޕޮއިންޓް މޮރޮކޯއިން ޔަގީންކުރީ ފަސޭހަކަމާއެކުގައެވެ.

މޮރޮކޯއަށް ރޭގެ މެޗުން ނަތީޖާ ނެރުމަށް ފަސޭހަވެގެން ދިޔައީ ފުރަތަމަ ހާފުގައި ނީޖެއާގެ އަބްދުލް ލަތީފް ގޯމޭއަށް ދެއްކި ރަތް ކާޑާއެކުގައެވެ. އެ ކާޑަށްފަހު މޮރޮކޯއަށް މެޗު ފަސޭހަވެގެން ދިޔަ އިރު، ފުރަތަމަ ހާފުގައި އިސްމާއީލް ސައިބާރީ ވަނީ ދެ ގޯލު ޖަހައިފައެވެ.

މޮރޮކޯގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި މޮރޮކޯގެ ގޯލުތައް ޖެހީ އައްޔޫބު އެލް ކާބީއާއި ހަމްޒާ އިގަމާނޭ އަދި އައްޒެދީން އޮނާހީއެވެ.

މޮރޮކޯއިން ވޯލްޑް ކަޕް 2026 ގެ ޖާގަ ޔަގީންކޮށްފައިވާ އިރު، އެޓީމަކީ މިހާތަނަށް ވޯލްޑް ކަޕެއްގައި އެފްރިކާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުވެސް މެއެވެ. އެޓީމުން ވަނީ ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށް، ތާރީހު ލިޔެލައިފައެވެ.