މިއަހަރުގެ ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލުގެ ދެ ޖާގަވެސް ކާލޮސް އަލްކަރާޒާއި ޖަނިކް ސިނާ ހޯދައިފިއެވެ.
ރޭ ކުޅުނު ޔޫއެސް އޯޕަން ސެމީ ފައިނަލު މެޗުތައް ކާމިޔާބުކޮށް ސިނާއާއި އަލްކަރާޒް ފައިނަލުން ޖާގަ ހޯދާފައިވާ އިރު، މިފަަހަރުގެ ފައިނަލް ވެގެންދާނީ އެ ދެކުޅުންތެރިން ޖެހިޖެހިގެން ކުރިމަތިލާ މޭޖާ ތިންވަނަ ފައިނަލަށެވެ. މިއީ ޓެނިހުގެ އޯޕަން އެރާގައި ދެ ކުޅުންތެރިޔަކު އެއް ސީޒަނެއްގެ މޭޖާ ތިން ފައިނަލުގައި ވާދަކުރާނެ ފުރަތަމަ ފަހަރުވެސް މެއެވެ.
މިހާތަނަށް މި ސީޒަނުގައި އަލްކަރާޒާއި ސިނާ ދެ ފައިނަލުގައި ވާދަކުރި އިރު، ފްރެންޗް އޯޕަން ކާމިޔާބުކުރީ އަލްކަރާޒެވެ. އަދި އޭގެ ބަދަލުހިފައި، ވިމްބަލްޑަން ކާމިޔާބުކުރީ ސިނާއެވެ.
އަލްކަރާޒް ސެޓެއް ގެއްލުވާނުލައި ސެމީއާ ހަމައަށް ގޮސްފައިވާ އިރު، ސެމީގައިވެސް އަލްކަރާޒް ވަނީ ނޯވަކް ޖޮކޮވިޗަށް ފުރުސަތެއް ނުދީ 6-4، 7-6، (7-4)، 6-2އިން ސެޓުތައް ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ.
ގްރޭންޑް ސްލޭމް 24 މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް، މީގެ ކުރިން ހަތަރު ފަހަރަށް ޔޫއެސް އޯޕަން ކާމިޔާބުކޮށްފައިވާ އިރު، ރޭގެ މެޗަކީ ޖޮކޮވިޗާއި އަލްކަރާޒް ޔޫއެސް އޯޕަންގައި ވާދަކުރި ފުރަތަމަ މެޗެވެ.
ސިނާ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ފެލިކްސް އޯގާ-އަލިއަސީމޭ ބަލިކުރީ 3-1 ސެޓުންނެވެ. ސެޓުތައް ދިޔައީ 6-1، 3-6، 6-3، 6-4 އިންނެވެ. ސިނާގެ ފަރާތުން އަނިޔާގެ މައްސަލައެއް މެޗުގައި ފެނިފައިވާ އިރު، އޭނާއަށް ވަނީ އެންމެ ރަނގަޅު ފޯމުގައި ކުޅެން އުނދަގޫވެފައެވެ.
އެހެން ނަމަވެސް މިހާތަނަށް މިއަހަރުގައި ތަފާތު ދައްކަމުންދާ ސިނާ ވަނީ މެޗުގެ ފަހުކޮޅުގައި ތަފާތު ދައްކައި، ފައިނަލް ޔަގީންކޮށްފައެވެ. އުމުރުން 24 އަހަރުގެ ސިނާ މިއަހަރުގެ މިހާތަނަށް ކުޅުނު ގްރޭންޑް ސްލޭމް 27 މެޗުގެ ތެރެއިން 26 މެޗުން ވަނީ މޮޅުވެފައެވެ. އޭނާ ބަލިވީ ފްރެންޗް އޯޕަން ފައިނަލުން އެކަންޏެވެ.
ސިނާއަކީ މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަންވެސް މެއެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް