ރަށުގެ ބޮޑުމިނަށް ރިއާޔަތްކޮށްގެން ކައުންސިލްތަކަށް އާންމު ހިލޭ އެހީ (ބްލޮކް ގްރާންޓް) ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅައިފައިވާ ފިސްކަލް ފޯމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ.

އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫން ކަމަށް ރައީސް ވިދާޅުވިއެވެ،

"އެހެންކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާއެކު ހުށަހެޅުމަށް ވާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން ދެ ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ބަދަލަކީ "އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ ފަސް ޕަސަންޓް ދެގުނަ ބޮޑުކޮށް، 10 ޕަސަންޓް އަށް ބަދަލުކުރުން" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ބަދަލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަލާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އއ. މަތިވެރިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވ ޖަލްސާގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ. އެއީ ލާމަރުކަޒީ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ގެންނަ އިސްލާހުތަކެއް ކަމަށެވެ.

އެގޮތުން ކައުންސިލުތަކުގެ ސައިޒު ކުޑަކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީތަކަށް ވެސް ބަދަލު އަންނާނެ ކަމަށާއި ޑަބްލިޔުޑީސީގެ ރައީސާ ވަކިން ހޮވާ ގޮތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޑަބްލިޔުޑީސީގެ ރައީސާއަކީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓު ބޮޑުކުރާނެކަމަށް އެފަހަރު ރައީސް ވިދާޅުވެފައެއް ނުވެއެވެ.