ތައިލެންޑްގެ ބޮޑުވަޒީރަކަށް އަނޫތިން ޗާންވިރަކުލް އިންތިހާބުކޮށްފިއެވެ.

ތައިލެންޑުގެ ބޮޑުވަޒީރުކަމުގައި ކުރިން ހުންނެވި ޕެޓޮންގްޓާން ޝިނަވަޓްރާ އެގައުމުގެ ކޯޓުން ވަކިކުރުމާއެކު ތައިލެންޓުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ ކޮންޒަވޭޓިވް ބޫމްޖައިތައި ޕާޓީގެ ލީޑަރު އަނޫތިން އާ ބޮޑުވަޒީރު ކަމަށް އައްޔަނުކޮށްފައެވެ.

ތައިލެންޑް ޕާލަމެންޓްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި 492 މެންބަރުން ތިއްބަވާ އިރު އަނޫތިން އެ މަގާމު ކާމިޔާބު ކުރެއްވީ 311 ވޯޓު ހޯއްދަވައިގެންނެވެ. އެ މަގާމު ހޯދުމަށް ހޯދަން ޖެހޭ ވޯޓުގެ އަދަދަކީ 247 އެވެ.

އެގައުމުގެ ވަރުގަދަ ވިޔަފާރިވެރިޔާ އަނޫޓިން ޗާންވިރާކުލް އެ މަގާމު ކާމިޔާބު ކުރެއްވީ ޕޮޕިއުލިސްޓް ފޫތައި ޕާޓީގެ ކެންޑިޑޭޓް ޗައިކަސިމް ނިތިސިރީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ޗައިކަސިމްއަށް 152 ވޯޓު ލިބިވަޑައިގެންނެވި އިރު 27 މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ. އަދި ޗައިކަސިމް ޕާޓީގެ ނުވަ މެންބަރަކު ވެސް ޕާޓީ ވިޕާ ހިލާފަށް ވޯޓު ދެއްވީ އަނޫތިން އަށެވެ.

ތައިލެންޑުގެ ބޮޑުވަޒީރުކަމުގައި ކުރިން ހުންނެވި ޕެޓޮންގްޓާން ޝިނަވަޓްރާ މަގާމުން ވަކިކުރީ ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ބޯޑަރުގައި ދެގައުމުގެ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކެމްބޯޑިއާގެ ބޮޑުވަޒީރަށް އޭނާ ކުރެއްވި ފޯންކޯލެއްގައި ސުލޫކީ މިންގަނޑާ ހިލާފުވި މައްސަލަ ބެލުމަށް ފަހުގައެވެ.

ތައިލެންޑުގެ އާ ބޮޑުވަޒީރު ކަމަށް އަނޫޓިން އައްޔަނު ވުމާއެކު އެގައުމުގައި ވެރިކަން ކުރުމުގެ ދިގު ތާރީހެއް އޮތް ކުރީގެ ބޮޑުވަޒީރު ޝިނަވަޓަރާގެ އާއިލީ ވެރިކަމަށް ވަނީ ނިމުން ގެނެސްފައެވެ. ދާދި ފަހުން ވަކިކުރި ޕެޓޮންގްޓާން ޝިނަވަޓްރާގެ ބައްޕާފުޅު ޓަކްޝިން ޝިނަވަޓްރާ ބޮޑުވަޒީރުކަމާ ހަވާލުވެފައިވަނީ 2001 ވަނަ އަހަރުއެެވެ.