އަތޮޅުތަކަށް ދަތުރުކުރާ ލޯންޗު ފެރީތަކަށް މިހާރު ހެންވޭރުކޮޅުގައި ހުންނަ އެމްޓީސީސީގެ ފެރީ ޓާމިނަލް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނިގޮތުގައި އެ އިންތިޒާމު ހަމަޖެއްސީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރުމަށް، ފެރީތަކުން ބޭނުންކުރާ އެމްއެމްއޭ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ފެރީތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

އެހެންކަމުން ފުރުމުގެ 10 މިނެޓު ކުރިން އެ ޓާމިނަލަށް ގާތްކޮށް ފުރުމުގެ އިންތިޒާމު ކުރިއަށްގެންދެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ މަހުގެ 21 ގައެވެ. މަޝްރޫއުގެ ސެގްމަންޓް އެކެއްގެ ދަށުން، ކުއޭ ވޯލް ކެޕިން ތަޅާލުމުގެ 72 މީޓަރު ޝީޓް ޕައިލިންގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން އިއްޔެ ބުނީ އެ މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު އުތުރު ފަރާތު މަގު ބޮޑުކުރުމާއި އާ ކުއޭ ވޯލް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާ ކަމަށެވެ.

މި އަހަރުގެ އޭޕްރީލް ނުވަ ވަނަ ދުވަހު އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން.
  • 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް).
  • ދުވާރުތައް ހެދުމާއި އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުން.
  • ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާ އިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.