މީހެއްގެ ކުޑަދޫ އެ މީހާގެ އިޒްނަ ނެތި ބުރިކޮށްލި މައްސަލައެއްގައި ގެއްލުމުގެ ބަދަލު ހޯދަންކުރި ދައުވާއެއް، ނުބައިކޮށް ފޯމު ހުށަހެޅުމުގެ ސަބަބުން ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2023 ފެބްރުއަރީ 13 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލްއިން ކޮށްފައިވާ އޮޕަރޭޝަނަކާ ގުޅިގެން މާލެ ދަފުތަރު ނަންބަރު ދރ. 3043/ މާލެ ހުސައިން ސަލާހު ވަހީދުގެ ޓޮންސިލްގައި އިންފެކްޝަން އުފެދިގެން ޓޮންސިލް ނެގުމަަށްޓަކައި ކޮށްފައިވާ އޮޕަރޭޝަނެއްފައި، ހުސަން ސަލާހު ވަހީދުގެ އެއްވެސް އިޒުނައަކާނުލައި އަދި ހުއްދައެއްނެތި ހުސައިން ސަލާހު ވަހީދުގެ ކުޑަދޫ ބުރިކޮށްފައިވާތީ، ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި، ހުސައިން ސަލާހު ވަހީދުގެ ފަރާތުން ޓްރީޓޮޕްއާ ދެކޮޅަށްކުރި ދައުވާއެކެވެ.
އެ ދައުވާއާ ލިޔެކިޔުންތައް ޓްރީޓޮޕްއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގައެވެ. ޓްރީޓޮޕުން ވަނީ ކޯޓުގެ އިހުތިސޯސާމެދު ސުވާލު އުފައްދައި މިއަހަރުގެ ޖުލައި 20 ވަނަ ދުވަހު ފޯމު ހުށަހަޅަައިފައެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މައްސަލައިގައި ފާހަގަކުރެވުނު ނުކުތާތަކުގައި ވިދާޅުވީ ހުސައިން ސަލާހު ވަހީދުގެ ފަރާތުން ދައުވާއާ ގުޅޭ މައްސައެއް ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ސިވިލް ކޯޓުން ބަލައިފައިވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް ހުސައިން ސަލާހުގެ ފަރާތުން އަމަލުކޮށްފައިނުވާތީ ދައުވާ ފޯމު ބާތިލުކޮށް މައްސަލަ ނިންމައިފައިވެއެވެ. ހުސަން ސަލާހުގެ ފަރާތުން މި މައްސަލައިގައި ދައުވާ ހުށަހަޅާފައިވާނީ "އިހުތިލާފު އޮންނަ ބާވަތުގެ ދައުވާ ހުށަހަޅާ ފޯމު، ފޯމު-1" އިންނެވެ.
ހުސައިން ސަލާހުގެ ފަރާތުން ހުށަހަޅާފައިވާ ދައުވާއަށްބަލާއިރު މިއީ އިހުމާލުގެ ސަބަބުން ހަށިގަނޑަށް ލިބޭ އަނިޔާގެ މައްސަލައެއްކަން އެނގޭކަމަށް ގާޒީ ވިދާޅުވިއެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 65 ވަނަ މާއްދާގައި އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާގުޅޭ ދައުވާއެއް ހުށަހަޅަންޖެހޭ މުއްދަތު ބަޔާންކޮށްފައިވާ ކަމަށާއި އަދި އެ މާއްދާގެ (ކ) ގައި އެ މާއްދާގެ ބޭނުމަށްޓަކައި "ހަށިގަނޑަށް ލިބޭ އަނިޔާ: މާނަކޮށްދީފައިވާނެކަމަށް ގާޒީ ވިދާޅުވިއެވެ. އެއީ "މީހަކަށް ކުރިމަތިވާ އެއްވެސް ބައްޔެއް ނުވަތަ އެއްވެސް ޖިސްމާނީ ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމެއް ހިމެނޭގޮތުން" ކަަމަށް ބަޔާންކޮށްފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ވަނީ އެހެން މީހެއްގެ އިހުމާލުން ހަށިގަނޑަށް ލިބޭ ޖިސްމާނީ އަނިޔާއާގުޅޭ ދައުވާއެއް ކޯޓަށް ހުށަހަޅަންވާނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމެއް މެދުވެރިކޮށްކަމަށް ގާޒީ ވިދާޅުވިއެވެ. އެ މާއްދާގެ (ނ) ގައި އެކްސިޑެންޓަކާ ގުޅިގެން ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއް ނުވަތަ ފަރާތެއްގެ އިހުމާލުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމަކާ ގުޅިގެން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ދައުވާއެއްގައި، ހިމަނަންޖެހޭ ކަންކަން ބަޔާންކޮށްފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.
ހުސައިން ސަލާހު ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު މިއީ ސިއްހީ ހިދުމަތްދޭ ޓްރީޓޮޕްގެ އިހުމާލުން ހުސައިން ސަލާހުގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުމަކާ ގުޅިގެން ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ "ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު" 39 ވަނަ މާއްދާގެ (ށ) ގައި ވަނީ "މަދަނީ އިޖުރާއަތުގެ ގާނޫނު" ގެ 97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހެން މީހެއްގެ އިހުމާލުން ހަށިގަނޑަށް ލިބޭ ޖިސްމާނީ އަނިޔާގެ ދައުވާ ހުށަހަޅާނީ، އެ ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު "ޖިސްމާނީ އަނިޔާއާ ގުޅޭ ދައުވާ ހުށަހަޅާ ފޯމު" ފޯމު 14 އިންކަމަށް ގާޒީ ވިދާޅުވިއެވެ.
"ގާނޫނަށް ހަވާލާދީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގައި ވަކި ބާވަތެއްފެ މައްސަލައެއްގައި ހުށަހަޅަންވާނީ ވަކި ފޯމެއްކަމަށް ބަޔާންކޮށްފައިވަނިކޮށް އެއާ ހިލާފަށް އެހެން ފޯމެއް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދެވިދާނެ ނުދެކެމެވެ. ވަކި ފޯމެއް ހުށަހަޅަން ގަވާއިދުގައި ލާޒިމްކޮށްފައި ވަނީ ވަކި ބާވަތެއްގެ މައްސަލަތަކުގައި ހުށަހަަޅަންޖެހޭ ލިޔެކިޔުންތަކާ ކަންކަމާއި ތަފާތުތަކެއް ހުރުމުގެ ސަބަބުންނެވެ" ގާޒީ ވިދާޅުވިއެވެ.
ވަކި ފޯމަކުން ހުށަހަޅަންޖެހޭ ކަމެއް އެހެން ފޯމަކުން ހުށަހެޅުމަކީ އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުންހިފައި، އިޖުރާއީ އައިބުތަކެއް އެ މައްސަލައިގެ ތެރެއިން ނުކުމެ ހުމުގެ ސައްހަކަމާމެެދު ސުވާލު އުފެދިގެން ދިޔުންކަމަށް ގާޒީ ވިދާޅުވިއެވެ.
އެެހެންވެ ގާޒީ ހުކުމްކުރެއްވީ ހުސައިން ސަލާހުގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް