މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު، 15.6 ޕަސަންޓު ކުޑަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރަށް ދައުލަތުން ފާސްކުރީ، 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސްގެ ރިޕޯޓުގައިވާ މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން، ވަނީ 24.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރީ 29.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު، 15.6 ޕަސެންޓު ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް ރިކަރަންޓު ހަރަދުގެ ގޮތުގައި ކޮށްފައިވަނީ 21.7 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 1.7 ޕަސަންޓު ދަށް އަދަދެކެވެ.

ކެޕިޓަލް ހަރަދުވެސް އެ މުއްދަތުގައި ވަނީ މިދިޔަ އަހަރަށްވުރެ 57.4 ޕަސަންޓު ދަށްވެފައެވެ. ނަމަވެސް މުސާރައާއި އިނާޔަތްތައް ދިނުމާއި ޕެންޝަނަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ބަޖެޓުން 9 ބިލިއަން ހަރަދުކުރިއިރު، މި އަހަރުގެ އެ މުއްދަތުގައި 9.4 ބިލިއަން ހަރަދުކޮށްފައިވެއެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ބުރާސްފަތީގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އުމްރާނީ ތަރައްގީއަށް 2.7 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެ ފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ވަނީ މިދިޔަ އަހަރަށް ވުރެ 800 މިލިއަން ރުފިޔާ އިތުރަށް ހޯދައިފައެވެ.

ހަރަދަށް ވުރެ އާމްދަނީ އިތުރުކޮށްގެން، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ މިދިޔަ ހަފްތާގެ ނިޔަލަށް 534.6 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ދެމެހެއްޓިފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ، ހަރަދުކުޑަކުރުމަށް އެޅި ފިޔަވަޅުތައް ކަމަށް ފިނޭންސުން ބުނެއެވެ.