ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލައިފިއެވެ.

އީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން އެމްޓީޑީ އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެމްޓީޑީ އުވާލަން ނިންމާފައިވާކަން އީސީން އިއުލާނު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ނިންމުމާ ގުޅިގެން އެމްޓީޑީން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއީ ގާނޫނަށް ހިލާފަށް ނިންމި ނިންމުމެއް ކަމަށާއި އީސީން އެގޮތަށް ނިންމާފައިވަނީ ޑިއު ޕްރޮސެސްގެ ފުރުސަތުވެސް ނުދީ ކަމަށެވެ.

"މިއީ ކަނޑައެޅިގެން މި ޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި މި ޕާޓީއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ދުސްތޫރީ ހައްގު ގެއްލޭ ގޮތަށް، ޑިއު ޕްރޮސެސްގެ ފުރުސަތުވެސް ނުދީ ނިންމާފައިވާ ނިންމުމެއް،" އެމްޓީޑީން ބުނެފައިވެއެވެ.

އެމްޓީޑީން ބުނެފައިވަނީ އެއީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް، މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމާއި ބައިވެރިވުމުގެ އަސާސީ ހައްގަށް ނުރައްކާވާ ގޮތަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.

އީސީން ގާނޫނާ ހިލާފަށް، ބޭއިންސާފުން ނިންމާފައިވާ ނިންމުމަށް އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ކުރެވެން ހުރި މަސައްކަތްތައް އެ ޕާޓީން ކުރާނެ ކަމަށެވެ. އެ ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.