ރާއްޖޭގައި ސައިކަލުގެ ވިޔަފާރި ކުރުމުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޭނުމަށް ކުންފުންޏަކުން ސައިކަލްތަކެއް ޑިސްޕްލޭ ކުރަން އެ ކުންފުންޏަށް ހަވާލުކުރުމުން، އެ ސައިކަލުތައް ވިއްކާލައިފިއެވެ.
ކިންގްސްޓަންގެ ޝޯ ރޫމުގައި ޑިސްޕްލޭ ކުރަން ސައިކަލުތަކެއް ލޯނަށް ދީފައިވަނީ ނިއު ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑް (ވީ މޮޓާސް) ކިޔާ ކުންފުންޏަކުންނެވެ. މޮޓާސް ކުންފުނީގެ ސައިކަލުތައް ހުއްދަނެތި ވިއްކުމަށްފަހު ކިންގްސްޓަން އިން 1.2 މިލިއަން ރުފިޔާ ހޯދިއެވެ. ނަމަވެސް އެއިން އެއްވެސް ފައިސާއެއް މޮޓާސްއަށް ދީފައިނުވެއެވެ.
އެހެންވެ މޮޓާސްއިން ވަނީ ކިންގްސްޓަން އަދި އެ ކުންފުންޏާ ގުޅުންހުރި ފަރާތެއް ކަމަށްވާ އަހުމަދު އާތިފް ހަސަން، ޕޯލާގްރޭސް، ދ. ބަނޑިދޫއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އެ ދައުވާގައި ވަނީ ކިންގްސްޓަން ޝޯރޫމްގައި ޑިސްޕްލޭ ކުރުމަށް ހަވާލުކޮށްފައިވާ ސައިކަލުތަކުގެ ތެރެއިން ސައިކަލުތަކެއް ހުއްދަނެތި ކިންގްސްޓަން ވިއްކާލުމާ ގުޅިގެން، ކިންގްސްޓަންއާއި ވީ މޮޓޯސްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކިންގަސްޓަންއިން ދައްކަންޖެހޭ، ނަމަވެސް ދައްކާފައިނުވާ 1،219،650 ރުފިޔާއާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދެއްކުމަށް އެއްބަސްވެފައިވާ ފައިސާއާއި ގާނޫނީ މަސައްކަތުގެ ހަރަދު އެކީ އެއްފަހަރާ ކިންގްސްޓަންއިން ނަގައިދިނުމަށެވެ.
މި މައްސަލައިގެ ލިޔެކިޔުންތައް އަހުމަދު އާތިފްއާ ހަވާލުކުރަން ކޯޓުން މަސައްކަތް ކުރިނަމަވެސް އޭނާ މިހާރު ދިިރިއުޅޭތަނެއް ނޭނގުމުގެ ސަބަބުން ލިޔުންތައް ހަވާލުކުރެވިފައި ނުވެއެވެ. ނަމަވެސް އޭނާ ދިރިއުޅެމުންދާ ވަކި ތަނެއް ނޭނގުމުގެ ސަބަބުންނާއި ކިންގްސްޓަން ރަޖިސްޓްރީކޮށްފައިވާ އެޑްރެހުގައި އެ ކުންފުނި ނުހުންނާތީ ރެޑް ނޯޓިސް ހަރުކޮށްފައި ނުވެއެވެ.
ލިޔުންތައް، ދައުވާލިބޭ އެއްވެސް ފަރާތަކާ ހަވާލުކުރެވޭނެ ގޮތް ނުވުމުން ކޯޓުން ނިންމީ އަހުމަދު އާތިފުގެ މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދިއުމަށެވެ.
އެހެންވެ ވީ މޮޓާސްގެ ފަރާތުން ހުށަހަޅަފާއިވާ ލިޔުންތަކަށް ރިއާޔަތްކޮށް ކޯޓުން ހުކުމްކުރީ ވީ މޮޓާސްއިން އެދިފައިވާ ގޮތަށް 1.2 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ދެއްކުމަށް ކިންގްސްޓަން އަދި އަހުމަދު އާތިފުގެ މައްޗަށް ހުކުމްކުރާ ކަމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. މައްސަލަ ބެއްލެވީ ގާޒީ އަހުމަދު އަބްދުލްމަތީނެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް