ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެެވެ.

އީސީގައި ރަޖިސްޓްރީކޮށްފައިވާ ނުވަ ސިޔާސީ ޕާޓީގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވަނީ ފަސް ސިޔާސީ ޕާޓީއެއްގައެވެ. އެއީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ) އާއި މިހާރުގެ އިދިކޮޅު ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ސަރުކާރު ކޯލީޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އާއި ސަރުކާރު ކޯލީޝަނުން މިހާރު ވަކިވެފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މިއަހަރުގެ ބަޖެޓުގެ ދޫކުރަންޖެހޭ ފައިސާ އެ ޕާޓީތަކށް ޖަމާކޮށްދިނުމަށް ބޭންކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މިއަހަރުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ އިދިކޮޅު އެމްޑީޕީއަށެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްސީލް:

  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - 13,316,689.57 ރުފިޔާ
  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - 8,454,780.51 ރުފިޔާ
  • ޖުމްހޫރީ ޕާޓީ - 2,656,598.57 ރުފިޔާ
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް - 1,769,648.69 ރުފިޔާ
  • އަދާލަތު ޕާޓީ - 1,713,5338.65 ރުފިޔާ

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާގޮތުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓަށްވާ ފައިސާއެވެ. މިގޮތުން 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ސިޔާސީ ފަސް ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާގޮތުން މިއަހަރު ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެންމެ މެންބަރުން ގިނައީ ޕީއެންސީގައެވެ.

ފައިސާ ދޫކުރާ ޕާޓީތަކުގައި މެންބަރުން ހިމެނޭ އަދަދު:

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - 68665 މެންބަރުން

2- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - 43765 މެންބަރުން

3- ޖުމްހޫރީ ޕާޓީ - 13456 މެންބަރުން

4- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް - މެންބަރުން

5- އަދާލަތު ޕާޓީ - 8844 މެންބަރުން

އީސީގެ ދަފްތަރުގައި ނުވަ ސިޔާސީ ޕާޓީއެއް އޮތް ނަމަވެސް ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާއެއް ނުދެއެވެ.