މާލެ އަތޮޅު ފަޅެއް، އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ކަަމަށްބުނެ، ހުށަހެޅި މައްސަަލައިގައި އެއީ އެލިއާއަށް ލިބިފައިވާ ފަޅެއް ނޫން ކަަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަަލައަކީ އަބްދުﷲ ފައިރޫޒް، ރަންގަލި، ހއ. ކެލާ، އާއި އެލިއާ ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ ކަމަށްބުނާ އެއްބަސްވުމެއްގެ ދަށުން އެލިއާއަށް މާލެ އަތޮޅުން ލިބިފައިވާ ފަޅާ ގުޅޭގޮތުން ކުރަންޖެހޭ މަސއްކަތްތައް ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ (ދިވެހި ދައުލަތް) އިން އެކުލަވާލަންޖެހޭ އެއްބަސްވުންތަކާއި ލިޔެކިޔުން ތައްޔާރުކޮށް، އެތަނުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެލިއާއަށް ފަހިކޮށްދީފައިނުވާ ކަމަށްބުނެ، އެކަންކަން ފަހިކޮށްދިނުމަށްް މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގައި އަމުރުކޮށްދިނުމަށާއި، އެ ފަޅަކީ އެލިއާގެ ހައްގު އޮތް ތަނެއްކަމަށް އަންގައި، ދިވެހި ދައުލަތަށާއި، އަބްދުﷲ ފައިރޫޒުގެ މައްޗަށް އެލިއާއިން ދައުވާކުރުމުން ބެލި މައްސަލައެކެވެ.

މި މައްސަލަ ބެލުމަށްފަހު، ސިވިލްކޯޓުން ހުރި ހުކުމްގައި ވަނީ، އެގޮތުގެ މަތިން މާލެ އަތޮޅުގައިވާ ފަޅަކީ އެލިއާ ކޮންސްޓްރަކްޝަނާއި ފައިރޫޒާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެލިއާ ކޮންސްޓްރަކްޝަނަށް ލިބިފައިވާ ފަޅެއްކަމަށް ކަނޑައަޅާނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި އެ ފަޅަކީ އެލިއާ ކޮންސްޓްރަކްޝަންގެ ހައްގު އެ ފަޅުގެ މައްޗަށް އޮތް ތަނެއްކަމަށް ޝަރީއަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.

އެހެންކަމުން އެލިއާގެ ފަރާތުން އެދިފައިވާ ގޮތުގެ މައްޗަށް މާލެ އަތޮޅުގައިވާ ފަޅާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެއްބަސްވުންތަކާއި ލިޔެކިޔުން ތައްޔާރު ކުރުމަށާއި، އެލިއާއަށް ތަނުގެ ބޭނުންކޮށް ތަނުގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމުރެއް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ނެރެދޭންޖެހޭ ތަނެއް ނެތް ކަަމަށްވެސް ހުކުމްގައިވެއެވެ.