ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާ މެދު މަޝްވަރާކުރުމަށް، އެ ބިލު ދިރާސާކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނޫސްވެރިން ހާޒިރުވާން ހަމަޖެހިފައިވާއިރު ނޫސްވެރިން ބޭނުންވަނީ މަޖިލީހުގައިސީނެއް ކުރިއޭޓް ކުރަން ކަމަށް މަޖިލީހުގެ މުވައްޒަފަކު ބުނެފިއެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ނޫސްތަކުން ހާޒިރުވާ ނޫސްވެރިންގެ ބައްދަލުވުމުން މިއަދު 11:00 ގައި ފަށާނެ އެވެ. އެ ކޮމިޓީގެ ބައްދަލުވުމުގެ އޯޑިއޯ ލައިވްސްޓްރީމްގެ ތައްޔާރީތައްވަމުން އަންނަނިކޮށް، ނޭނގިވަނީ ލައިވްކުރެވިފައެވެ.
އެ ލައިވްގައި މަޖިލީހުގެ މުވައްޒަފަކު ބުނީ މީޑިއާ ރެގިއުލޭޝަން ބިލަށް ބަހުސްކުރި ދުވަހު، މަޖިލީހުގެ ގެލެރީއަށް ނޫސްވެރިން ވަނީ ސީނެއް ކުރިއޭޓް ކުރަން ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މީޑީއާ، އަޅުގަނޑުމެންގެ މީޑީއާއިން އަޅުގަނޑުމެން ބުނިން ރެކޯޑު ކުރާށޭ އަޅުގަނޑުމެން ލައިވް ސްޓްރީމެއް ނުކުރާނެޔޭ. އެކަހަލަ ކަމެއް ވެދާނެތީ އަޅުގަނޑުމެން އަތުގައި އެވިޑެންސް އިންނަން ޖެހޭނެތާ." ކާކުކަން ނޭނގޭ މަޖިލީހުގެ އެ މުވައްޒަފު ބުންޏެވެ.
"އެހެންވެގެން އެންމެ ވާސްޓް ސިނާރިއޯ މި ވިސްނަނީ މިއަދު އިނގޭ. އެ މީހުން ބޭނުންވަނީ ސީން ކްރިއޭޓު ކުރަން. ކުރިން ދުވަހު ގެލެރީއަށް ވަދެފަ ވެސް، މީޑިއާއިން ގެލެރީއަށް ވަނެއްނު މީޑިއާ ބިލު. އަމީން އަނެއްކާ މީތި ސްޓްރީމް ވޭތަ އެބަ ވާހަކަ ދައްކާ އިރުގަ"
މަޖިލީހުގެ، ޔޫޓިއުބް ޗެނަލުން މިހާރުވަނީ އެ އޯޑިއޯ ލައިވް ސްޓްރީމް ޑިލީޓްކޮށްފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަކީ އަމިއްލަ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފައެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެއެވެ.
މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
މުހައްމަދު އިޝާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް