ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި މަޑަމް ޕެންގް ލިޔުއާން އިން ބޭއްވެވި މަރުހަބާ ފަރިއްކޮޅުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ގައުމަށް ފުރާވަޑައިގެންފައެވެ. ރައީސް މުއިއްޒަށް، ޝީ ޖިންޕިން އިއްޔެ ރަސްމީކޮށް މަރުހަބާ ދަންނަވާފައިވާ އިރު، ރައީސް މިއަދު ވަނީ ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފައެވެ.

ޓިއަންޖިން މެއިޖިއަންގ ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ބޭއްވި އެ ރަސްމިއްޔާތަކީ ޗައިނާގެ ޓިއަންޖިންގައި ބޭއްވޭ ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދައުލަތްތަކުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އިސްވެރިންގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތެކެވެ.

މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިއީ ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވަމުންދާކަން ހާމަވެއެވެ.

2001 ވަނަ އަހަރު އުފެދުނު އެސްސީއޯ އަކީ ޔޫރޭޝިއާގެ ސަރަޙައްދުގައި ސިޔާސީ، އިގުތިސޯދީ އަދި ސަލާމަތީ އެއްބާރުލުން ކުރިއެރުވުމަށް މަސައްކަތްކުރާ ސަރަހައްދީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން މެމްބަރު އަދި ޕާޓްނާ ގައުމުތަކަށް އެކުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އިސްކަންދޭ ކަންކަމުގައި ގައުމުތަކުގެ އެހީތެރިކަން ފޯރުކޮށްދެއެވެ.