ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ޔުނިވާސަލް އެންޓަޕްރައިސެސްގެ އެއް ހިއްސާދާރު ކޮލިގޭ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެއް ކަމަށް ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޔޫ މަނިކުގެ ހާލުކޮޅު ދެރަވެ، ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 6:30ގައި، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ވަނީ އަވަހާރަވެފައެވެ.

އެކްސްގައި ގާސިމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޔޫ މަނިކު އަވަހާރަވި ހަބަރު އެއްސެވީ ނުހަނު ހިތާމައާ އެކުގައި ކަމަށާއި އެއީ އެކުގައި މަސައްކަތްކުރެއްވި ގާތް އެކުވެރިއެއް ކަމަށެވެ.

"އެއީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ އެވެ. ގައުމަށް ނުހަނު ޚިދުމަތް ކުރެއްވި، ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެކެވެ..،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްޔޫ މަނިކު އަވަހާރަވުމަކީ، މުޅި ރާއްޖެއަށް ލިބިގެންދިޔަ ހިތާމައެއް ކަމަށާއި ފަތުވެރިކަމުގެ އާއިލާއަށް ލިބިގެން ދިޔަ ނުހަނު ބޮޑު ހިތާމައެއް ކަމަށެވެ.

އެމްޔޫ މަނިކު ވަނީ ވިއްސަކަށް އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ.

އެމްޔޫ މަނިކަކީ، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މައި އެއް ތަނބެވެ. ފަން ގެއެއްގައި ޓޫރިޒަމް ފައްޓަވައި، ރާއްޖެ މިހާރު މި ދެކޭ ދުނިޔޭގެ އެއް ނަންބަރު މާކެޓުގެ ގޮތުގައި ޓޫރިޒަމް ތަރައްގީ ކުރެއްވުމުގައި އެމްޔޫ މަނިކު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

އެމްޔޫ މަނިކުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ސިންގަޕޫރުގެ ޕްސާރާ އަމަން މިސްކިތުގައެވެ. އަދި އަސްރު ނަމާފަށްފަހު އިސްލާމީ މަރުކަޒުގައި ޣައިބަށް ކަށުނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ.