ތައިލެންޑުގެ ކޯޓަކުން އެގައުމުގެ ބޮޑުވަޒީރު ޕައޭރޮންގތާން ޝިނަވަޓްރާ މަގާމުން ދުރުކޮށްފިއެވެ.
ތައިލެންޑުގެ ގާނޫނު އަސާސީއާ ބެހޭ ކޯޓުން އިއްޔެ އެ ނިންމުން ނިންމާފައިވަނީ، ޕައޭރޮންގތާން ޝިނަވަޓްރާ އެގައުމުގެ ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.
މަގާމުން ދުރުކޮށްފައިވާ ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޕައޭރޮންގތާން ޝިނަވަޓްރާއަށް ކޯޓުން އެ އަމުރު ނެރެފައިވަނީ މިދިޔަ ޖޫން މަހު ލީކުވެފައިވާ ފޯނު ކޯލެއްގެ މައްސަލައިގައެވެ. ލީކުވި އެ ފޯނުކޯލުގައި ބޮޑުވަޒީރު ވަނީ އަވަށްޓެރި ކެމްބޯޑިއާގެ ކުރީގެ ލީޑަރަށް ގުޅުއްވައި ތައިލެންޑުގެ ސިޔާސީ މައްސަލަތަކާއި އެގައުމުގެ ސިފައިންނާ ގުޅުވައި ވާހަކަދައްކަވައިފައެވެ.
އެ ފޯނުކޯލު ލީކުވެ، އެގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެގެން ދިޔައީ ތައިލެންޑާއި ކެމްބޯޑިއާ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން ހިނގަމުންދިޔަ ދުވަސްވަރު އެކަމުގެ ވާހަކަތައް ހިއްސާކުރުމުގެ ސަބަބުންނެވެ.
ފޯނުކޯލުގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޕައޭރޮންގތާން ޝިނަވަޓްރާ ގުޅުއްވާފައިވަނީ ކެމްބޯޑިއާގެ ކުރީގެ ލީޑަރު ހުން ސެން އާއެވެ. ހުންސެން އަކީ ޕައޭރޮންގތާންގެ ބޮޑުބޭބެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ފޯނުކޯލު މީސްމީޑިއާގައި ހިއްސާކޮށްފައިވަނީ ވެސް ހުންސެން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޕައޭރޮންގތާން މަގާމުން ދުރުކުރުމަށް ކޯޓުން ނިންމާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ ވޯޓުންނެވެ.
މަގާމުން ދުރުކޮށްފައިވާ ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޕައޭރޮންގތާން ޝިނަވަޓްރާ އަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުންނެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް