މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް" ކުންފުނި އުފެއްދުމުގެ މަގުފަހިކޮށްދީ ބާރު ދިނުމަށް ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައިށް އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ތަސްދީގުކުރައްވައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގްއެވެ. އަދި އެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އިސްލާހުގެ ދަށުން ޕޭމަންޓު ސިސްޓަމްތައް ހިންގުމަށާއި ޕޭމަންޓު ހިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫން ވެސް ގާނުނީ ޝަހުސުތައް އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ލިބިދީ، ޕޭމަންޓު ހިދުމަތްތައް ސޮލިސިޓް ކުރުން މަނާކޮށް އަދަބު ކަނޑައެޅުމާބެހޭ އުސޫލުތައް ގާނޫނުގައި ހިމަނަން ވަނީ ހިމަނައިފައެވެ.

މި އިސްލާހުގެ ދަށުން އެމްއެމްއޭއަށް ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ހިދުމަތެއް ދިނުމަށްޓަކައި ހިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ޖޮއިންޓް ވެންޗާއެއް އުފެއްދުމުގެ ބާރު ލިބޭނެއެވެ. ނުވަތަ އެފަދައިން އުފައްދާފައިވާ ކުންފުންޏެއްގެ ނުވަތަ ޖޮއިންޓްވެންޗާއެއްގެ ހިއްސާދާރާކަށް ނުވަތަ ޕާޓްނާޝިޕެއްގެ ބައިވެރިއަކަށް ވެވިދާނެއެވެ.