ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނޭހެން 21 ޖަމިއްޔާއަކުން "މީޑިއާ ކޮމިޝަން ބިިލް" އަނބުރާ ގެންދިއުމަށް ގޮވާލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.
ހިއުމަން ރައިޓްސް ވޮޗް އިން އާންމުކުރި ގުޅިފައިވާ ސިޓީގައި ބުނީ "މީޑިއާ ކޮމިޝަން ބިިލް" މަޖިލީހަށް ހުށަހެޅުއްވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެ ބިލަކީ ޑިމޮކްރަސީ އާއި ރައްޔިތުންގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދެމެހެއްޓުމަށްޓަކައި ވަގުތުން އަނބުރާ ގެންދަން ޖެހޭ ބިލެއް ކަމަށްވެސް އެ ސިޓީގައިވެއެވެ.
ސިޓީގައި ބުނީ މީޑިއާއަށް ސެލްފް ރެގިއުލޭޓަރީ އަދި މިނިވަން އޮނިގަނޑެއް ގާއިމުކުރުމަށް ތާއީދުކުރުމަކީ ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. ނަމަވެސް އެ ބިލު ވުޖޫދަށް އައިސްފިނަމަ، ހަބަރާއި ބްރޯޑްކާސްޓިން އިންޑަސްޓްރީގެ މައްޗަށް މާބޮޑު ބާރެއް ލިބިގެންވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެދިގެންދާނެ ކަމަށް ބުންޏެވެ.
އެ ކޮމިޝަނުގެ ފުޅާ ބާރުތަކުގެ ތެރޭގައި ތަހުގީގުތަކުގައި މީޑިއާ ކުންފުނިތައް ސަސްޕެންޑް ކުރުމާއި ނޫސްތަކުގެ ވެބްސައިޓްތައް ބްލޮކް ކުރުމާއި ބްރޯޑްކާސްޓްކުރުން ހުއްޓާލުމުގެ ބާރާއި ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި ކޮމިޝަނުން މިހާތަނަށް ގާއިމުކޮށްފައި ނުވާ އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ނަމަ މީޑިއާ ޖަމިއްޔާތައް އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތްތައް ވެސް ބިލުގައި ހިމަނާފައިވާ ކަމަށް ސިޓީގައިވެއެވެ.
ސިޓީގައި ބުނީ، ބިލުގައިވާ ގޮތުން މީޑިއާ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މުގައްރިރަކާއެކު ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އިރު، އެ މެމްބަރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ހުއްދަ ދޭ އުސޫލަކީ މިނިވަން ކޮމިޝަނެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
"މި ބާވަތުގެ އިންތިޒާމްތަކުގެ ސަބަބުން އަދުލުވެރިކަމާ މެދު އާންމުންގެ އިތުބާރު ބަލިކަށިވެ، މި ސަރުކާރުގެ އިތުބާރު ކުޑަވެ، ހާއްސަކޮށް ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ގޮތުން މީގެ ކުރިން ވެފައިވާ ވައުދުތަކަށް ބަލާ އިރު، މި ސަރުކާރުގެ އިތުބާރު ކުޑަވެގެން ދެއެވެ." ރައީސަށް ފޮނުވި ސިޓީގައިވެއެވެ.
އެ ސިޓީގައި ބުނީ، އެ ބިލަކީ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރު)ގެ 19 ވަނަ މާއްދާއާ ހިލާފު ބިލެއް ކަމަށެވެ.
"މީޑިއާ ރެގިއުލޭޓް ކުރުމަކީ މީޑިއާގެ ދާއިރާއާއި އެހެނިހެން ފަރާތްތަކާ އެކު ހަގީގީ މަޝްވަރާކުރަން ޖެހޭ ކަމެއް. އެފަދަ މަޝްވަރާތަކުގައި ބައިވެރި ނުވުމަކީ ނޫސްވެރިކަން ކުރިއަރުވައި ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުން ހިމެނޭ މިފަދަ ގަވާއިދުގެ މައިގަނޑު މަގޫސަދާ މެދު އަސާސީ އޮޅުމެއް ދައްކުވައިދޭ ކަމެއް،" އެ ސިޓީގައިވެއެވެ.
ސިޓީ ނިންމާލަމުން ވަނީ "މީޑިއާ ކޮމިޝަން ބިިލް" އަނބުރާ ގެންދަން ގޮވާލައިފައެވެ. އަދި އެފަދަ ބިލެއް ޑްރާފްޓްކުރުމުގެ ކުރިން ނޫސްވެރިންނާއި ޔޫނިއަންތަކާއި މީޑިއާ ޖަމިއްޔާތަކާއެކު އެންމެން ހިމެނޭ ގޮތަށް ދެ ފުށް ފެންނަ މަޝްވަރާތަކެއްކުރަންވެސް ވަނީ އެދިފައެވެ.
ސިޓީގައި ސޮއިކުރި ޖަމިއްޔާތައް:
- އަފްޣާނިސްތާން އިންޑިޕެންޑެންޓް ޖާނަލިސްޓް އެސޯސިއޭޝަން (އޭއައިޖޭޔޫ)
- ބަންގްލަދޭޝް މަނޯބަދިކަރް ސަންގްބަޑިކް ފޯރަމް (ބީއެމްއެސްއެފް)
- ސެންޓާ ފޯ ލޯ އެންޑް ޑިމޮކްރަސީ (ސީއެލްޑީ)
- ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)
- އިކޯކެއާ މޯލްޑިވްސް (އިކޯކެއާ)
- ފްރީ މީޑިއާ މޫވްމަންޓް (އެފްއެމްއެމް)
- ފެޑެރޭޝަން އޮފް މީޑިއާ އެމްޕްލޯއީޒް ޓްރޭޑް ޔޫނިއަންސް (އެފްއެމްއީޓީޔޫ)
- ފެޑެރޭޝަން އޮފް ނޭޕާލް ޖާނަލިސްޓްސް (އެފްއެންޖޭ)
- ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު)
- އިންޑިއަން ޖާނަލިސްޓް ޔޫނިއަން (އައިޖޭޔޫ)
- އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އެސޯސިއޭޝަން (އައިއެފްޖޭ)
- އިންޓަނިއުސް
- މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)
- ނޭޝަނަލް ޔޫނިއަން އޮފް ޖާނަލިސްޓްސް އިންޑިއާ (އެންޔޫޖޭ)
- ނޭޕާލް ޕްރެސް ޔޫނިއަން (އެންޕީޔޫ)
- ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓްސް (ޕީއެފްޔޫޖޭ)
- ޕްރޮޖެކްޓް ތިމާވެޝީ (ޕީޓީވީ)
- #SaveMaldives ކެމްޕޭން
- ސައުތު އޭޝިއަންސް ފޯ ހިއުމަން ރައިޓްސް (އެސްއޭއެޗްއާރް)
- ސްރީލަންކާ ވޯކިން ޖާނަލިސްޓް އެސޯސިއޭޝަން (އެސްއެލްޑަބްލިއުޖޭއޭ)
- ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)
އަލީ ޔާމިން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް