ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރީންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު އިއްޔެވަނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައި ބަލައިގަނެފަ އެވެ. އެ ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މަޖިލީހަށް އެ ބިލު ހުށަހެޅީއްސުރެ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ. އިއްޔެ މަޖިލިސް އިދާރާދޮށަށް އެއްވެ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖުވެސްވަނީ ކޮށްފަ އެވެ. އޭގެ ފަހުން ރައީސް އޮފީސް ދޮށާއި މުލިއާގޭ ސަރަހައްދުގައިވެސް ނޫސްވެރިންވަނީ މުޒާހަރާކޮށްފަ އެވެ. ގިނަ އަދަދެއްގެ ނޫސްވެރިން މިއަދު މަސައްކަތްކުރަމުން އަންނަނީ ރައީސް އޮފީހުގައި ކުރިމަތީގައި ހުންނަ މީޑިއާ ފެންޑާގަ އެވެ.

ރައީސް، ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު 1:15 ގައި ރައީސް އޮފީހުގައެވެ.

އެ ބައްދަލުވުމަށް ރައީސް އޮފީހަށް ވަޑައިގަތް ނޫސްވެރިންނަކީ އަދަދު ނޫހުގެ ޗީފް އެޑިޓަރު ހުސެއިން ފިޔާޒް މޫސާ، ދައުރު ނޫހުގެ ޗީފް އެޑިޓަރުން ހިރިގާ އަހުމަދު ޒާހިރު، މިހާރު ނޫހުގެ ފަރާތުން ނާޒިމް ހަސަން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ފަރާތުން ޖުނައިދު ސަލީމް އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ނަހުދާ ފާއިޒެވެ.

ހަންނާން ހުށަހެޅުއްވި އެ ބިލުގައިވަނީ މީޑިއާ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހުށަހަޅައިފައެވެ. އެގޮތުން މީޑިއާ ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނަށް މަޖިލީހުން ރުހުން ހޯދަން ޖެހެއެވެ.

އަދި މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުންކަމަށް ބިލުގައިވެއެވެ.

ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާ ގޮތަށް ވެސް ވަނީ ބަދަލެއް ގެނެސްފައެވެ. ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ ހަމައެކަނި ކޮމިޝަންގެ ރައީސެވެ. އަދި ނައިބު ރައީސް ހޮވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް މިފަހަރުގެ ބިލުގައިވެއެވެ.

މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.

އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.

މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:

  • ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
  • މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
  • ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
  • މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން