އިނގިރޭސި ލީގު ކަޕް ދެވަނަ ބުރުގައި ރޭ ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީ ކައިރިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ޔުނައިޓެޑުން ގްރިމްސްބީ އަތްދަށުވީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ގްރިމްސްބީން މެޗު ކާމިޔާބުކުރީ 12-11 އިންނެވެ.

ދިގުލައިގެން ދިޔަ ޕެނަލްޓީ ޝޫޓްއައުޓާއެކު ޔުނައިޓެޑަށް ލަދުވެތި ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެޓީމުގެ ކޯޗު ރުބެން އަމޯރިމްއަށް ބޮޑު ޕްރެޝަރެއް ކުރިމަތިވާނެކަން ޔަގީނެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައިވެސް މޮޅެއް ނުހޯދި އޮތް ޔުނައިޓެޑުން މިހިނގާ ޓްރާންސްފާ ސީޒަނުގައިވެސް 200 މިލިއަން ޕައުންޑަށްވުރެ ގިނައިން ކުޅުންތެރިން ގަންނަން ހޭދަކޮށްފައިވެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުވެސް ޔުނައިޓެޑަށްވީ މާޔޫސީ ހާފަކަށެވެ. އެ ހާފުގައި ގްރިމްސްބީން ވަނީ ދެ ގޯލު ޖަހައި ޔުނައިޓެޑް ހާސްކޮށްލައިފައެވެ. ޗާލްސް ވާމަންއާއި ޓައިރެލް ވޮރެންގެ ގޯލުތަކުން ގްރިމްސްބީ ސަޕޯޓަރުންގެ ރޫހު ރަނގަޅު ކޮށްލާފައިވާ އިރު، ޔުނައިޓެޑުން މެޗަށް އަނބުރާ ވަނީ ފަހުވަގުތު ޖެހި ގޯލުތަކުންނެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ބްރަޔަން އެމްބުއޭމޯ ޖެހި ގޯލުން ޔުނައިޓެޑް ފަރަގު ކުޑަކުރި އިރު، އެއްވަރުވީ ހެރީ މެގުއާ 89 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ.

ޕެނަލްޓީގައި މަތެއަސް ކޫންޔާއަށް މޮޅުވާން ފުރުސަތު ލިބި، އޭނާ އަތުން އެ ފުރުސަތު ބޭކާރުވެގެން ގޮސްފައިވާ އިރު، ޔުނައިޓެޑް ބަލިވީ އެމްބުއޭމޯގެ ޕެނަލްޓީއަށް ދަނޑިއަށް އަމާޒުވެ، ނާކާމިޔާބުވުމުންނެވެ.