މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުުޅާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، 5 ނަންބަރު ފާލަމުން ފެށިގެން 8 ނަންބަރު ފާލަމާ ހަމައަށް ފަޅުގައި އުޅަނދުފަހަރު ނޭޅުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ އުތުރު ފަރާތު 5 ނަންބަރު ފާލަމުން ފެށިގެން 8 ނަމްބަރު ފާލަމާއި މަސްވެރިންގެ މައިޒާނުގެ ހުޅަނގު ފަރާތު ހުރަސްތޮށި ހިމެނޭ ގޮތަށް ޒޯން 2ގެ ފަޅުތެރޭގެ ސަރަހައްދަކީ ރިސޯޓްތަކާއި އަތޮޅުތަކާއި އެ ނޫން ވެސް ތަންތަނުން ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ އުޅަނދުފަހަރު ލަފައިފުރުމަށް ހާއްސަ ސަރަހައްދެއް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެފަދަ އުޅަނދުފަހަރު ވެސް ފަސިންޖަރުން އަރުވައި ބާލާ ވަގުތު ފިޔަވައި އެހެން އެއްވެސް ވަގުތެއްގައި މި ސަރަހައްދުގެ އެއްގަމުތޮއްޓާއި ހުރަސްތޮށިގައި މަޑުކޮށްގެން އޮތުމާއި ފަޅުގައި އަޅާފައި ބާއްވައިގެން ނުވާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން މަގު ފުޅާ ކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާލަންދެން، އެ ސަރަހައްދުގެ އެއްގަމުތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި ދާއިމީކޮށް އަޅާފައި ބޭއްވުމަކީ މަނާކަމެއް ކަމަށެވެ.

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.

މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު، (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) އެޅުމާއި، ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި ރައީސް ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.