ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ގެ އިމްތިޔާޒަށް ހެލްތު މިނިސްޓްރީން އަރައިގެންފައިވާ ކަމަށް ބުނާ މައްސަލައެއްް، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ދެނެގަތުމަށްޓަކައި އެތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އެދި އޭޕްރީލް 19 ގައި ކުޑޫ، ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުލިބިގެން ހުށަހެޅި މައްސަލައެކެވެ.
ކުޑޫ ވިދާޅުވެފައިވަނީ އެ ފުރުސަތު ހެލްތު މިނިސްޓްރީން ފަހި ނުކޮށްދިނުމަކީ އެ މެންބަރުގެ އިމްތިޔާޒަށް މިނިސްޓްރީން އަރައިގަތުން ކަމަށެެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް، ކުޑޫ ހުށަހެޅުމާ ގުޅިގެން މިނިސްޓްރީން ފޮނުވި ޖަވާބާ މެދު ބަހުސްކުރިއެވެ.
ހެލްތު މިނިސްޓްރީން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ދެނެގަތުމަށްޓަކައި، ކަމާބެހޭ ރިޕޯޓެއް ތައްޔާރު ކުރުމަށް މެންބަރު މުހައްމަދު އިބްރާހިމް އެދުނު ނަމަވެސް، ބަލަންޖެހޭ ގާނޫނީ ކަންކަން ހުރުމާއެކު އެ ފުރުސަތު ފަހިކޮށްދެވިފައިނުވާ ކަމަށް ދަންނަވާ ކަމަށެވެ.
އެ ޖަވާބާ ގުޅިގެން ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވީ، ގައުމީ ސަލާމަތާ ގުޅުން ނެތް ކޮންމެ ތަނެއްގައި މަޖިލިސް މެންބަރުންނަށް އުޅެވެން ޖެހޭނެ ކަމަށެވެ. އަދި މިނިސްޓްރީގެ އެ ޖަވާބުގައި އެކަށީގެންވާ މައުލޫމާތު ނެތް ކަަމަށާއި، އެފަދަގޮތަކަށް ޖަވާބު ދިނުމުން މަޖިލިސް މެންބަރެއްގެ އިމްތިޔާޒަށް މިނިސްޓްރީން އަރައިގަނެފައިވާ ކަމަށް ބެލެވިދާނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
ބައެެއްް މެންބަރުން ވިދާޅުވީ، ބަލަންޖެހޭ ގާނޫނީ ކަންކަން ހުރިކަމަށް މިނިސްޓްރީގެ ސިޓީގައި ބުނެފައިވާ އިރު، އެކަންކަމުގެ ތަފްސީލުތައް ދީފައިނުވާތީ ޖަވާބު ފުރިހަަމަނުވާ ކަމަށެވެ.
އަނެއްބައި މެންބަރުން ވިދާޅުވީ، ގާނޫނީގޮތުން ހުރަސް އެޅޭގޮތަށް އޮތް ކަމެއްގައި މިނިސްޓްރީއަށް ކުރެވޭނެކަމެއް ނޯންނާނެ ކަމަށެވެ. އަދި އެއީ ހާއްސަ އެހީއަށް ބޭނުންވާ ބަޔަކު ބަލަހައްޓަމުންދާ ތަނަކަށްވާ އިރު، އެ ތަނުގައި އުޅޭ މީހުންގެ ސިއްރު ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެތީ، މިނިސްޓްރީން ފޮނުވި ޖަވާބު ރަނގަޅު ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލަ ކޮމިޓީން ނިންމަން ދެގޮތެއް ހުށަހެޅިއެވެ. އެއީ މިނިސްޓްރީން މިހާރު ފޮނުވާފައިވާ ޖަވާބު އެ މެންބަރަށް ދިނުން ނުވަތަ، އެ ޖަވާބު އިތުރަށް ތަފްސީލުކޮށް ފޮނުވުމަށް މިނިސްޓްރީގައި އެދުމަށެވެ.
މި ދެ ހުށަހެޅުމުގެ ތެެރެއިން ފުރަތަމަ ވޯޓަށް އެހީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު ހުށަހަޅުއްވައި، ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް ތާއީދު ކުރެއްވި، ޖަވާބު އިތުރަށް ތަފްސީލުކޮށް ފޮނުވުމަށް މިނިސްޓްރީއަށް އަލުން ފޮނުވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށެވެ.
ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްވުމުން ދެން އޮތް ހުށަހެޅުމަށް ވޯޓަކަށް ނާހައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ