ސަރުކާރުން އަމިއްލަ މީޑިއާތަކަށް ދޭން ކަނޑައަޅާފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާ ކަމަށެވެ.
އެ އިއުލާނުގައި ވާގޮތުން އެހީތެރިކަމަށް އެދި ހުށަހެޅުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ 2 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.
މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. އެގޮތުން:
- ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ ވަންގަވް ގެ ތެރޭގައި ގާއިމު ކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv
މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު މިހާރުވަނީ އެކުލަވާލައި ގެޒެޓުކޮށްފަ އެވެ. އެއުސޫލުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ވަނީ ބަޔާންކޮށްފައެވެ.
ރައީސް އޮފީހުން ބުނީ އެ އުސޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ނިންމައި، ރައީސް އިއުލާނުކުރެއްވި ގޮތަށް، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށްވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވާ ކަމަށެވެ.
އެއާއެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ދެފުށް ފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު