ހދ. ކުމުންދޫގައި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރުގެ ބަދަލުގައި އާ ބަނދަރެއް ސަރުކާރުން ހަދައިދޭނީ އެރަށު ރައްޔިތުން ބޭނުންވާ ތަނެއްގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ހދ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުން ކުމުންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ކުމުންދޫ ރައްޔިތުންނަށް އެންމެ ބޮޑު ދައްޗެއް ދިމާވަނީ ބަނދަރުގެ ސަބަބުންކަމަށްވާތީ އެކަން ހައްލުކުރަން ހައުސިން މިނިސްޓަރަކަށް ހުންނެވިއިރުވެސް އެކި މަރުހަލާތަކުގައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

"މިހާރު ބަނދަރު އޮތް ތަނުގެ ސަބަބުން ހަގީގަތުގަ އެކަން ހައްލު ނުވާކަން ވަރަށް ރަނގަޅަށް މިހާރު އެއޮތީ ޔަގީންވެފަ. އެހެންވީމާ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބު އަދި ޒިންމާ. އަޅުގަނޑުމެން އެހެންވީމާ މިހާރު މި ބަނދަރު އޮތްތަން ނޫން ރައްޔިތުން ބޭނުންވާ ލޮކޭޝަންގަ، ތަނުގަ އިރާދަކުރެއްވިއްޔާ ރައްޔިތުން ބޭނުންވާ ގޮތަށް މި ބަނދަރުގެ އަމަލީ މަަސައްކަތް ގިނަވަގެން ދެމަސް ދުވަހުގަ ތެރޭގަ ފަށާނެ ވާހަކަ ދަންނަވަން. އަދި އެގޮތަށް ފަށައިގެން ހުއްޓާނުލާ ބާރު ސްޕީޑުގަ މަޑުޖެހުމެއްނެތި ގެންގޮސް ނިންމަދޭނެކަމުގެ ޔަގީންކަންވެސް ދެން ތިބޭފުޅުންނަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަނދަރު ހެދުމުގެ އެ މަޝްރޫއާއެކު މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

27 އޮގަސްޓު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުމުންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ކުމުންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން މިއަދު ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ސަބަބުން އެ ރަށަކަށް ވިޔަފާރިއާއި އިންވެސްޓްމެންޓު ފުރުސަތުތައް ލިބުން ފަސޭހަވެގެންދާނެ ކަަމަށެވެ. އެކަމުގެ ސަބަބުން ރަށުގެ އިގްތިސޯދަށް ކުރިއެރުން ލިބިގެންދާނެ ކަަމަށާއި އާންމު ދިރިއުޅުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ދެމަސް ތެރޭގައި ފެށިގެންދާނެ ކަމަށާއި ސްކޫލުގެ ސްޓާފް ރޫމް، ސައިންސް ލެބާއި ދެން ހުރި ކަންކަން މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް އާ އިމާރާތުގެ މަސައްކަތް ނިމުމުން، އެ ދާއިރާއިންވެސް ރަށަށް ކުރިއެރުން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުމުންދޫ ފުޓްބޯޅަދަނޑު މިހާރު ހަދަމުންދަނީ ފެންސާއި ލައިޓު އަދި ފާރު ނުހިމަނައި ކަމަށާއި ނަމަވެސް މި ސަރުކާރުން ފުޓްބޯޅަ ދަނޑުގެ ހެދުމުގެ މަސައްކަތް ކުރަމުންދަނީ އެކަންކަން ހިމަނައިގެން ކަމަށްވުމުން ވަރަށް އަވަހަށް އެ މަސައްކަތްތައް ފަށާނެކަމަށެވެ. ފުޓްސަލް ދަނޑުވަނީ ހަލާކުވެފައި ކަމަށާއި އެހެންވެ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް މިއަހަރު ކުރާނެ ކަމަށާއި މިއަހަރު ނުވާނަމަ މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެކަން ކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުމުންދޫގައި ހޭންޑްބޯލް ކޯޓެއް އަޅައިދޭނެ ކަމަށާއި ރަށުގައި ހަދާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރާއެކު އިންޑޯ ސްޕޯޓްސްއަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.