މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ޑޭލައިޓްވިލާ، ޝިހާން ޝިޔާމް (29އ) އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ސ. ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށެވެ. އެ އޮޕަރޭޝަނަކީ، އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން ޝިޔާމް މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާ ކަން ތަހުގީގަށް އެނގިފައިވެއެވެ." ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޝިހާން ޝިޔާމް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ފޭރުން ފަދަ 12 މައްސަލައެއް މިހާރުވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަކައުންޓުގައި ދައުރުކޮށްފައިވާކަމާއި އެ 12 މައްސަލައިގެ ޖުމުލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ތަހުގީގަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.